Advertisement

މޮސްޓާއަށް ހަމަލާދިން މީހުންގެ މައްޗަށް ކުށް ސާބިތުވެ ޖޫރިމަނާކޮށްފި

21 ސެޕްޓެންބަރު 2023 - 10:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ތަޅުމުގައި؛ އޭނާއަށް ހަމަލާ ދިން މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ - ފޮޓޯ: މަޖިލީސް


މޮސްޓާއަށް ހަމަލާދިން މީހުންގެ މައްޗަށް ކުށް ސާބިތުވެ ޖޫރިމަނާކޮށްފި

21 ސެޕްޓެންބަރު 2023 - 10:55 0

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ މާތިއު މުހައްމަދު ޝަކީބު ނަމަކަށް ކިޔާ މީހަކާއި އިބްރާހިމް ލުބާން އަބްދުﷲ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް ވެސް ކުރި ދައުވާއަކީ ގައިގައި އަތްލުމުގެ ދައުވާ އެވެ.

ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނާ ގޮތުން، މެންބަރު ނަޝީދާއި އިތުރު މީހަކު ސައިކަލެއްގައި މަގުމަތީ ތިއްބައި، ދައުވާ ރައްދުވާ ދެ މީހުން ސައިކަލު ކައިރިއަށް ގޮސް މެންބަރު ނަޝީދާއި ދެން ހުރި މީހާގެ ގައިގައި އެ ދެ މީހުންގެ އަތުންނާއި ފައިން ޖަހާފައިވާ ކަމަށެވެ.

މި ދައުވާއަށް މާތިއުއާއި ލުބާން ވެސް ޝަރީއަތުގައި އިއުތިރާފުވެފައިވެ އެވެ. އަދި އަދަބު ވީހާވެސް ބޮޑަކަށް ލުއިކޮށްދޭން ދެ މީހުން އެދުނެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުށަށް އިއުތިރާފުވުމުން އަސާސީ އަދަބުގެ އެއް ދަރަޖަ ލުއިކުރަން ޖެހޭއިރު އެ ހާލަތުގައި ކަނޑައެޅޭ އަދަބަކީ 27 ދުވަހަށް ޖަލަށް ލުމެވެ.

މި ކުށުގެ ތުހުމަތުގައި ޝަކީބު 21 ދުވަހު ޖަލު ބަންދުގައި ހޭދަކޮށްފައިވާއިރު، ލުބާން ވަނީ 16 ދުވަހު ޖަލު ބަންދުގައި ހުރެފަ އެވެ. އެހެންކަމުން ޝަކީބަށް ހުކުމުން ތަންފީޒުކުރަން އޮންނާނީ ހަ ދުވަހެވެ. އަދި ލަބީބަށް ހުކުމުން ތަންފީޒުކުރަން އޮންނާނީ ބާކީ 11 ދުވަހެވެ.

އެ މުއްދަތަށް ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅަން ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތުމުން، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ހުކުމް ކުރެއްވުމަށެވެ.

ހުކުމް ކުރީ ޝަކީބު ތަންފީޒުކުރަން ޖެހޭ ޖަލު އަދަބުގެ ބަދަލުގައި 1،200 ރ. ގެ ޖޫރިމަނާއެއް އަދި ލުބާން 2،200 ރ. ގެ ޖޫރިމަނާއެއް އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.