ފިޔާޒުއަށް އެކަންޏެއް ނޫން، މިއީ ހުރިހާ ނޫސްވެރިންނަށް ދިން އިންޒާރެއް!

21 މާރިޗު 2025 - 04:18 5

މަހްފޫޒް ސައީދު

މ


ފިޔާޒުއަށް އެކަންޏެއް ނޫން، މިއީ ހުރިހާ ނޫސްވެރިންނަށް ދިން އިންޒާރެއް!

21 މާރިޗު 2025 - 04:18 5

މިއުޅެނީ ކަންތައްގަނޑު ބޮޑުކޮށްލާކަށް ނޫނެވެ. ހަމަ ހަގީގަތުގައިވެސް ކަންބޮޑުވެގެންނެވެ.

މާޗް 14، 2025 ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަޅުގަނޑަށް ގުޅުއްވި އެވެ. ފޯނަށް ޖަވާބު ދިންއިރު ފިޔާޒު ވާހަކަ ދައްކަމުން ގެންދިޔައީ ވައި އަޑަށްވުރެ ކުޑަ ތަންކޮޅެއް ބާރު އަޑަކުން ލަސްލަހުންނެވެ. 'އޭ.. ތިބޭފުޅާ ގިނިކަންޏާތޯ' އޭ އަހައި ވާހަކަ ކުރިއަށް ގެންދިޔަ އެވެ. ވާހަކައަށް ފަށައިގަތުމުގެ ކުރިން، 'އަދި މިވާހަކަ ފަޅާނުލައްޗޭ' ބުންޏެވެ. މީހާ ހުރީ ވަރަށް ބޮޑަށް ހާސްވެފައިކަން އަޑުން އެނގުނެވެ.

ވީގޮތަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އިންޒާރު ދެއްވީ އެވެ. ފިޔާޒު ކިޔައިދިން ގޮތުން، ރޯދަ ވިއްލައިގެން މަޣުރިބު ނަމާދުކޮށް އަވަދިވެގެން ފޯނުން ގުރުއާން ކިޔަވަން އިންދައި ރައީސް ކަމުގައި ހުރި މުހައްމަދު މުއިއްޒު ފިޔާޒުގެ ފޯނަށް ގުޅީ އެވެ. ކުޑަކޮށް ވިސްނާލުމަށް ފަހު ފިޔާޒު ފޯނު ނެގުމާއެކު އަނެއްކޮޅުން ހީވީ ހޮނުގުގުރިއެއް ޖެހި ހެންނެވެ. 'ފިޔާޒު ތޯ' އޭ ވިދާޅުވެ ފެއްޓެވި ގޮތަށް ފިޔާޒަށް ވަށިވަށިން ދެމުން ގެންދިޔަ އެވެ. 'މަށާ ބެހުނަސް، މަގޭ އަންހެނުންނާ ބެހުނަސް މަގޭ ދަރިންނާ ނުބެހެއްޗޭ" ވިދާޅުވި އެވެ. ދެން 'ގާނޫނު' ގެ ގާފަށާއި ނޫނަށް ހެޔޮވަރަކަށް ދަންމަވާލައްވާފައި ވިދާޅުވީ "ގާ..ނޫ..ނީ.. ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަމޭ" އެވެ. ދެން ވިދާޅުވި އެވެ. 'މި ދަންނަވަނީނު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަމޭ" ދެންވެސް ވިދާޅުވި އެވެ. "ތިންވަނަ ފަހަރަށޭ މި ދަންނަވަނީ.. ގާ..ނޫ...ނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަމޭ" މިހެން ވިދާޅުވެ ދެން ވިދާޅުވީ 'ފިޔާޒުގެ އައުވާނުން ގާތު މިވާހަކަ ބުނެދޭށޭ" އެވެ. މިހެން ވިދާޅުވެ ފޯނު ބޭއްވެވީ އެވެ.

ފިޔާޒުއަށް އިނދެވުނީ ވީގޮތެއްވެސް ނޭނގި ގަބުވެފަ އެވެ. އަޅުގަނޑަށް މި ވާހަކަ ކިޔައިދިންއިރު، މި ވާހަކައިގެ ތަރުތީބު ގެނެވުނީވެސް އަޅުގަނޑު ކުރި އެތައް ސުވާލަކަށް ދިން ޖަވާބުންނެވެ. އާދަވެގެންވެސް ފަށުވި، އޮމާން އަދި ތަރުތީބު ބަސްމަގެއް ގެންގުޅޭ ފިޔާޒު ހުރީ ބަސްއޮޅި ބުއްދި ހައިރާންވެފަ އެވެ.

އަޅުގަނޑު ބުނީމެވެ. ތި ވާހަކަ ވާނީ ހަމަ ބާރަށް ދައްކާށެވެ. ވާހަކަ ނުދައްކައި ހުއްޓައި ކަމެއް ދިމާވީމާ މާ ދެރަ އެވެ. އެހެންވީމާ މިހާރު ސޯޝަލް މީޑިއާގައި ތިޔަ ވާހަކަ ދައްކާށެވެ. ތަކުރާރުކޮށް ދެއްކި ވާހަކައިން ފިޔާޒުވެސް އެކަމަށް އެއްބަސްވި އެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނަން ނުގެނެސް، ސޯޝަލްމީޑިއާ ޕްލެޓުފޯމު 'އެކްސް' ގައި ޕޯސްޓެއް ކުރާ ގޮތަށެވެ. އެ ފޯނު ބާއްވާފައި ދެން އަޅުގަނޑު ގުޅީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ގުޅީމެވެ. ފޯނަށް ޖަވާބު ނުދެއްވުމުން މެސެޖު ކުރީމެވެ. މީހުންނަށް ބިރު ދައްކައި އިންޒާރު ނުދިނުމަށާއި، ތާއަބަދު ތިޔަ މަގާމުގައި ދެމި ނުހުރެވޭނޭކަން ހަނދާން ބެހެއްޓުމަށް މެސެޖުގައި ލިޔުނީމެވެ. ކެބިނެޓުގެ އެކި ވަޒީރުންނަށް ވެސް ގުޅީމެވެ. އެކަމަކު، އަޅުގަނޑުމެން ކަހަލަ ދެރަ މީހަކު ގުޅައިގެން އެއިން ބޭފުޅަކު ފޯނު ނަގާނޭތޯ އެވެ. ސަރުކާރުގެ އިސް ބޭފުޅަކު ފޯނު ނެންގެވި އެވެ. އަޅުގަނޑު ނިކަން ހަރު އަޑުން 'ރައީސުލްޖުމްހޫރިއްޔާ ކައިރީގާ ބުނާށޭ މީހުންނަށް ގުޅާފަ އިންޒާރު ނުދޭށޭ' އޭ ބުނެ ވާހަކަ ފެށިތަނާ އޭނާ އަޅުގަނޑުގެ މޫނު މައްޗަށް ފޯނު ޖަހައިފި އެވެ.

އޭރު އަޅުގަނޑުގެ އޮފީހާ ދިމާލުން މަގުމަތިން އެމްޑީޕީގެ މުޒާހަރާގެ އަޑު އިވިއްޖެ އެވެ. އެންމެ އަވަހަށް ލިބެންއޮތް ޓީވީ ޕްލެޓުފޯމަކީ އެއީ އެވެ. އައިސްފައި ހުރި ރުޅިއާއެކު، އެ ދިޔަގޮތަށް މުޒާހަރާއަށް ގޮސް، އޭރު ވާހަކަ ދައްކަން ހުރި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ރާއީ އަތުން ގަދަކަމުން ކަހަލަ ގޮތަކަށް މައިކު އަތުލައި، ރައީސުލްޖުމްހޫރިއްޔާ އާންމު މީހަކަށް ގުޅައި ބިރު ދެއްކި ވާހަކަ ގޮވައި އިއުލާނުކުރީމެވެ. އިރުކޮޅަކު ކެތްތެރިވެވޭ ވަރަށްވުރެ ވެސް ހުރެވުނީ ރުޅި ގަދަ ވެފަ އެވެ. ނާ! ގާނޫނީ އަދި ސިޔާސީ މަސައްކަތުގެ އެކި ފަންތީގައި ކުރު ނޫން މުއްދަތެއްގައި އަޅުގަނޑަށްވެސް އުޅެވިއްޖެ އެވެ. މިވަރުގެ ކަމަކާ ލައިނުގަނެ އެވެ.

ފިޔާޒަކީ ކާކުކަމަށްތޯ އެވެ. ހުސެއިން ފިޔާޒު މޫސާ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ބްރޭންޑް ނަމެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފި އެވެ. މި ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ހޫނު ގަދަ ދުވަސްތަކުގެ ދިލަ އިހުސާސްކޮށްފި އެވެ. އޮގަސްޓު 12، 13 ގެ ހާދިސާގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަނިކޮށް ހައްޔަރުކުރެވުނެވެ. ދެހާސް ސަތާރަވަނަ އަހަރު މުޒާހަރާއެއް ކަވަރު އުޅިނިކޮށް ހައްޔަރުކޮށް، ދައުވާވެސް އުފުލި އެވެ. އެ ދައުވާ އިން ސަލާމަތްވީ 'ފިޔާޒެއް ނުޖަހާނެ' ކަމަށް މުޅި ގައުމު ހެކިދީގެންނެވެ.

"މިއަދު"، "އާފަތިސް" އަދި "ހަވީރު" ގައި ނޫސްވެރިކަން ކުރި ފިޔާޒު ވަނީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމް ވެސް ފުރައިފަ އެވެ. މިހާރު އެއީ 'އަދަދު' ނޫހުގެ ސީއީއޯ އެވެ. އޭރުވެސް މިހާރުވެސް ކުރަނީ ހަމަ އެއްކަމެކެވެ. ޖެހިލުން ކުޑަކަމާއެކު، ކަންކަން ހާމަކުރުމެވެ. ސަރުކާރުތަކުން އެކަމާ ރުޅިއާދެ އެވެ. ބޮޑެތި ބޭފުޅުންގެ ނުރުހުމުގެ ބަސްތައް އަމާޒުވެ އެވެ. މީހުންގެ މަލާމާތާއި ފުރައްސާރައާއި ހަނގާކުރުމާވެސް ކުރިމަތިލާންޖެހެ އެވެ. އެއިން ކަމަކާ ކަންބޮޑުވެގެން، ހާސްވެގެން ނުވަތަ މާޔޫސް ވެގެން ފިޔާޒު އުޅުނުތަނެއް އަޅުގަނޑެއް ނުދެކެމެވެ.

އަޅުގަނޑު މި ރައީސުލްޖުމްހޫރިއްޔާ ދަންނަމެވެ. އޭނާއަށް ފަރިތަ އެތައް ބައެއްގެ ދުލުން ކިޔައިދިން ލަފުޒުތަކުން ކުރެހި ތަސްވީރުން ފެންނަނީ ރީތި މަންޒަރެއް ނޫނެވެ. އެ ތަސްވީރަށް ބަލާއިރު، 'އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން' ކަމަށް ދިން އިންޒާރަކީ ހޮޅި އިންޒާރެއް ނޫންކަން އަޅުގަނޑުމެންނަށް އެނގެ އެވެ. އެއީ ނުލަފާކަން ދައްކާލަން ވެގެން ދިން އިންޒާރެކެވެ.

އަޅުގަނޑުމެންނަކަށް ނުއޮޅެ އެވެ. ރައީސްގެ އެންމެ އަރިސް މިނިސްޓަރެއްގެ ގޮތުގައި ހުރި އާދަމް ރަމީޒު ވަކިކޮށްލުމުގެ ފަހަތުގައި އޮތް ރޭވުމާއި، އޭނާގެ ކުރީގެ އަނބިމީހާ، އަދި މި ސަރުކާރުގެ ސްޓޭޓު މިނިސްޓަރު ޝަމްނާޒު ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅުނު ގޮތުގައި އޮތް ބޭއިންސާފުކަން ފާޅުކަން ބޮޑުކޮށް އެއޮތީ ފެންނާށެވެ. އެއީ އެ ވިދާޅުވާ ކޯފާގެ އަސަރުގެ ކުޑަމިންވަރެކެވެ. އެހެންވީމާ، ފިޔާޒުއަށް ދިން އިންޒާރަކީ އަޅުގަނޑު ހަމަ ޔަގީނުންވެސް ލުއިކޮށް ނަގާނޭ ކަމެއް ނޫނެވެ.

އަޅުގަނޑުމެން ވާނީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފަ އެވެ. ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށައިފި އެވެ. އަޅުގަނޑުމެން ފުލުހުންނަށް ބަޔާން ދީފީމެވެ. ރައީސް މުއިއްޒު ގުޅިކަން ދޮގު ނުކުރެވޭނޭ މިންވަރަށް އިތުރު ހެކިތައްވެސް ފުލުހުންނަށް ދެއްކީމެވެ. ދެން އޮތީ ފުލުހުންގެ ހިއްވަރެކެވެ.

މި ރާއްޖޭގައި މީގެ ކުރިންވެސް ނޫސްވެރިންނަށް ހަމަލާދީފި އެވެ. ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރި ބަޔަކު މަރާލައިފި އެވެ. އެތައް ނޫސްވެރިންގެ މައްޗަށް ދައުވާކޮށްފި އެވެ. އެތައް ނޫސްވެރިޔަކު ބަންދުކޮށްގެން ގެންގުޅެފި އެވެ. އެތައް ނޫހެއް ބަންދުކޮށް، ހުއްޓުވާލައިފި އެވެ.

މީހަކު ބުނެފާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި ވިދާޅުވީ 'ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ' ނޫންހެއްޔެވެ؟ އެކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ފުރަތަމަ މައްސަލައަކީ ގުޅުއްވުމެވެ. ރައީސުލްޖުމްހޫރިއްޔާ ގުޅުއްވީ ހާލުއަހުވާލު އޮޅުންފިލުއްވާކަށް ނޫނެވެ. އެ އިންޒާރު ދެއްވުމަށެވެ. އެއީ އެކަމުގެ ޒާތުންވެސް ގޯހެކެވެ. ދެވަނަ މައްސަލައަކީ، ރައީސް އެ އިންޒާރު ދެއްވި މައްސަލައާ 'އަދަދު' ނޫހާ އެއްވެސް ގުޅުމެއް ނެތްކަމެވެ. ރައީސްގެ އާއިލާއާ ބެހޭ ގޮތުން މީހަކު ދެއްކި ވާހަކައެއް އަދަދު ނޫހުގައި ރިޕޯޓެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ފިޔާޒު ގުޅުއްވީ އެޑިއުކޭޝަން މިނިސްޓަރަށެވެ. މުޒާހަރާގައި ދެކެވުނު ވާހަކައާމެދު އެޑިއުކޭޝަން މިނިސްޓަރުގެ ބަސް ހޯއްދަވައިގެން ފުރަތަމަވެސް ހަބަރެއް ހެއްދެވީ އެ ވާހަކަފުޅުންނެވެ.

އެހެންނަމަވެސް، ކަމުގެ އެކޮޅުމިކޮޅު އޮތްގޮތެއްވެސް ބެއްލެވުމެއްނެތި، ފިޔާޒަށް ގުޅައި ހަޅޭއްފަޅޭއް ޖެއްސެވުމުން އެނގެނީ 'އަދަދު' ނޫހާއި، ހުސައިން ފިޔާޒު މޫސާއާމެދު ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި އޮތް ނުތަވަނަސްކަމާއި، ނަފުރަތެވެ. 'އަދަދު' ނޫހަށް އިންޒާރު ދިނުމަކީ ހިތްޕުޅުގެ ހަމަޖެހުންކަމަށް ހައްދަވައިގެން ތިޔަ އުޅުއްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު އެދެނީ ހެވެވެ.

މިއީ ހަގީގަތުގައި ފިޔާޒުއަށް އެކަނި ދިން އިންޒާރެއް ނޫނެވެ. މި އިންޒާރު ނިސްބަތްވަނީ އާންމުކޮށް ހުރިހާ ނޫސްވެރިންނަށެވެ. ރައީސް ކަނޑައަޅުއްވާ މަގުން ނެއްޓިއްޖެ ކޮންމެ ނޫސްވެރިއަކަށް އޮތީ އިންޒާރާ ކުރިމަތިލުމެވެ. އަވަހަށް ނޫނީ ލަހުންވިޔަސް އެ އިންޒާރާ ކުރިމަތިލާންޖެހޭނެ އެވެ. އެއީ ހުރިހާ ނޫސްވެރިން އެކަތިގަނޑަކަށްވެ ކުރާ މަސައްކަތުން އެކަން ނުހުއްޓުވައިފި ނަމަ އެވެ.

މޭފުޅާކޮށް، ފުއްޕާފައި އުޅުނަސް އަޅުގަނޑަކީ ޖައްބާރު މީހުން ދެކެ ނިކަން ބިރުގަންނަ މީހެކެވެ. 'މަށެއް ބިރެއް ނުގަނެޔޭ' ކިޔަސް ފިޔާޒުވެސް ބިރު ގަންނާނެ އެވެ. އަޅުގަނޑުމެން ކުރާ ކަމަކީ، ނުލާހިކު ބިރުންތިބެ، އެ ބިރާ ކުރިމަތިލުމެވެ. ބާރުގަދަ ފަރާތްތަކުން ދެއްވާ އިންޒާރުތައް، އަމަލަށް ގެންނަވާފާނެތީ ހިތުގައި ހިނގާ ބިރުވެރިކަމާއެކުވެސް، ހުސެއިން ފިޔާޒު މޫސާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޙަޒް

1 day ago

ކޮބާ ކޯލް ލޮގް. ހުސް ދޮގު ތި ހަދަނީ

އިސްމާލު2.0

1 day ago

މި ހަބަރު އެންމެ ފުރުތަމަ މި ނޫހުގައި ގެނެސްދިން ދުވަހުވެސް އަހަރެން ވާނީ މުއިއްޒުގެ އެންމެ ހާއްސަ ސިފަތައް ކިޔުންތެރިންނާއި ހިއްސާކޮށްލާފައިއެވެ. ހަނދާން އާ ކޮށްދިނުމުގެ ގޮތުން އަނެއްކާވެސް ހިއްސާކޮށްލާނެމެވެ. އެއީ ބަހުލޫލެއް، ދޮގުވެރިޔެއް، ހީލަތްތެރިޔެއް، މަކަރުވެރިޔެއް، ކައްޒާބެއް، ވަގެއް، ޝައިތޯނެއް، ކެހިވެރިޔެއް، މުރައްކަބު ޖާހިލެއް، މުނާފިގެއް، ޔަހޫދީއެއް، ފޭރޭމީހެއް އަދި ބައްދެކެވެ. ޑީޕް ޑައުން މުއިއްޒުވެސް ދަނޭ މިއީ ކަން އޭނާގެ ސިފަތަކަކީ

މުލޭ

1 day ago

ތިވާހަކަ ތިޔަ ލިޔުނީ ހަމަ ކަންބޮޑުކުރާށެވެ. މަޙުފޫޒު ވެސް ފިޔާޒު ވެސް މުޙައްމަދު މުޢިއްޒުގެ ބޫޓަށް އެރީމަ އެނޫން ގޮތެއް ނުވާނެއެވެ. ތި ދެމީހުންގެ ދަރިއަކާ ބެހޭގޮތުން އެކަހަލަ ވާހަކައެއް ފެތުރީމަ ތިދެމީހުން ވެސް ބުނާނީ ގާނޫނު' ގެ ގާފަށާއި ނޫނަށް ހެޔޮވަރަކަށް ދަންމަވާލައްވާފައި "ގާ..ނޫ..ނީ.. ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަމެއެވެ. ކިތަންމެ ގިނަދުވަހު ނޫސްވެރިކަމެއް ކުރިޔަސް ފިޔާޒުމެންގެ ބަސްމަގު ހުންނަނީ ވަރަށް ދެރަވަރުކޮށް.

ޢަހުމަދު1

about 11 hours ago

އެހެންވެ އަހަރުން ވެރިކަން ކުރަން ނޫޅެ އެހެންކަމަކާ އުޅެނީ. ފިޔާމެން މަހޭމެނަކީ ނޫސްވެރިން. ފާޑުކިޔާ މީހުން. ޥަލިއުލް އަމުރު ކުރާވަރުގެ ކަމަކަށްވުރެ ދަށުދަރަޖައިގެ އަމަލެއް


ސައްލި

1 day ago

ކަލޭ ތިޔައީ ކާކު.