Advertisement

ސަރުކާރުން ފޮނުވި ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

19 މާރިޗު 2025 - 13:05 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ އަތޮޅުގައި އޮންނަ ޝަންގްރީލާ: މި ގޮތަށް ނުހުޅުވާ ހުރި ތަންތަން ބަދަލެއް ނުދީ ސަރުކާރަށް ނެގުމުގެ ބާރު ލިބޭ --


ސަރުކާރުން ފޮނުވި ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

19 މާރިޗު 2025 - 13:05 1

ރަށްރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުގެ ފަރާތުން ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ބިލު ފާސްކުރުމުގެ ކުރިން އިދިކޮޅު އެމްޑީޕީން އިސްލާހެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހު ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ބޭރުކޮށްލާފަ އެވެ.

ސަރުކާރުން ފޮނުވި ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ ހަތް މެންބަރެކެވެ.

ސަރުކާރުން ބޭނުން ވެގެން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބިލުގައި އޮތީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމެވެ. މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.

އެ ބިލުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރަން އިންވެސްޓަރުންނަށް ތަފާތު އޮޕްޝަންތަކެއް ދިނުން ވެސް ހިމެނެ އެވެ. އެ ގޮތުން ކުލި މުއްދަތު އިތުރުކޮށްދެނީ ބިލު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަހުގެ ތެރޭގައި ފައިސާ ދައްކާ ނަމަ:

  • އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު
  • 49 އަހަރު އިތުރުކުރަން ފަސް މިލިއަން ޑޮލަރު
  • 20 އަަހަރު އިތުރުކުރަން 2.5 މިލިއަން ޑޮލަރު
  • 25 އަހަރު އިތުރުކުރަން ތިން މިލިއަން ޑޮލަރު

ބިލަށް އަމަލުކުރާތާ ހަ މަސް ފަހުން ކުލި މުއްދަތު އިތުރުކުރާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަަށް ދެ ލައްކަ ޑޮލަރު އަދި އެކީ އެއް ފަހަރާ ފައިސާ ދައްކާ ނަމަ 15 މިލިއަން ޑޮލަރު ދައްކައިގެން 49 އަހަރަށް ކުލި އިތުރުކުރެވެ އެވެ.

ޓޫރިޒަމް ގާނޫނުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެހެން ބައެއް ކަންތައްތަކާ މެދު ވިޔަފާރިތަކާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި އޮތީ ރީޑިވެލޮޕް ކުރާ ރިސޯޓުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން އެއްބަސްވާ މުއްދަތުގެ ތެރޭގައި ނުހުޅުވައިފި ނަމަ އެއްވެސް ބަދަލެއް ދިނުމެއް ނެތި ރިސޯޓު އަތުލެވޭ ގޮތަށް އަތުމެވެ. އަދި ހިދުމަތް ދިނުން ހުއްޓާލައިފި ނަމަ ވެސް އެއްބަސްވުން ބާތިލުކުރެވެ އެވެ.

އޭގެ އިތުރުން ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތައް އިޝްތިހާރުކުރުމުގެ ހަމަތަކެއް ކަނޑައަޅަން ސަރުކާރުން ބޭނުންވާތީ ވެސް ކަންބޮޑުވުން އެބަހުއްޓެވެ. ސަރުކާރުން ހުށަޅާފައި ވަނީ ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމާއި ގުޅޭ ގަވާއިދެއް ހަދައި އެ ތަންތަނާ ބެހޭ މައުލޫމާތު އާންމުކުރަން ގަވާއިދެއް ހަދާށެވެ.

ސަރުކާރުން ވަނީ މިހާރު އޮންނަ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓު ފަންޑު އުވާލައި, ޓޫރިޒަމް ޓްރަސްޓް ފަންޑަކަށް ބަދަލުކޮށް, މި ފައިސާ އިންވެސްޓުކުރެވޭ ގޮތަށް ބަދަލުކުރަން ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ދައުލަތުގެ ފިސްކަލް ބޭނުމަކަށް ޓަކައި މި ފައިސާ އަނބުރާ ދައްކާ ގޮތަށް ބޭނުންކުރަން މަނާ މާއްދާއެއް ވެސް ބިލުގައި ހިމަނާފައިވެ އެވެ.