19 މާރިޗު 2025 - 08:04 0
19 މާރިޗު 2025 - 08:04 0
މުމްބާއި، އިންޑިއާ (މާޗް 19) - އިންޑިއާގެ ގައުމީ ޓީ20 ކްރިކެޓް ޓީމުން ރިޓަޔާކުރަން ނިންމި ނިންމުން އުވާލައި، 2028 ވަނަ އަހަރު ލޮސް އެންޖެލްސްގައި އޮންނަ އޮލިމްޕިކްސްގެ ކްރިކެޓް އިވެންޓްގައި ނުކުޅޭނެ ކަމަށް އިންޑިއާގެ ތަރި، ވިރާތު ކޯލީ ބުނެފި އެވެ.
މީގެ ނުވަ މަސް ކުރިން، ވެސްޓް އިންޑީސްގައި ބޭއްވި ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، އިންޑިއާ އިން ހޯދިއިރު، އެ ކާމިޔާބީ އަށް ފަހު، ވިރާތު އާއި ރޯހިތު ޝަރްމާ ވަނީ އިންޑިއާގެ ޓީ20 ޓީމުން ރިޓަޔާކޮށްފަ އެވެ.
ލޮސް އެންޖެލްސްގައި 2028 ގައި ބާއްވާ އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ނިންމާފައިވާއިރު، ކުޅޭނީ ޓީ20 ފޯމެޓަށެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސް އަށް ކްރިކެޓް އެ އަންނަނީ ބޮޑު މެދުކެނޑުމަކަށް ފަހު އެވެ. އޮލިމްޕިކްސްގައި ކްރިކެޓް އެންމެ ފަހުން އޮތީ، 1900 ވަނަ އަހަރު އެވެ.
ވިރާތު، ޓީ20 ކްރިކެޓްގައި ދެން ފެންނާނީ ހަމައެކަނި، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިންނެވެ. ދާދި ފަހުން، ބޭއްވި އިވެންޓެއްގައި، ވިރާތު އަށް އަމާޒުވި ސުވާލަކީ، 2028 ގެ އޮލިމްޕިކްސްގެ އިންޑިއާގެ ޓީ20 ޓީމުން ފެނުމުގެ ފުރުސަތު އެބައޮތްތޯ އެެވެ.
އޭނާ ބުނީ، އަލުން އިންޑިއާގެ ޓީ20 ޓީމުން އޭނާ ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް، ސަމާސާ ރާގަކަށް ވިރާތު ބުނެފައިވަނީ، ފައިނަލަށް ގޮސްފިނަމަ އެ މެޗު އެކަނި ކުޅެލައި މެޑަލް އަޅާލަން އަންނަން ބޭނުންވާ ކަމަށެވެ.
ވިރާތު ވަނީ ދާދި ފަހުން، އިންޑިއާ އަށް އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްދޭން އެހީވެދީފަ އެވެ. ވިރާތު ބުނީ، ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގައި އަދިވެސް އިންޑިއާ ޓީމަށް ކުޅޭނެ ކަމަށެވެ.
Comment