ވޮލީ ހުސެން އަށް މި އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް އިސް މަގާމަކާ އެކު

19 މާރިޗު 2025 - 03:06 0


ވޮލީ ހުސެން އަށް މި އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް އިސް މަގާމަކާ އެކު

19 މާރިޗު 2025 - 03:06 0

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު، ބީޗްވޮލީބޯޅަ ރެފްރީ، ހުސެއިން މުހައްމަދު (ވޮލީ ހުސެން) އަށް މި އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު އިސް މަގާމަކާ އެކު ލިބިގެންގޮސްފި އެެވެ.

ވޮލީ ރެފްރީއެއްގެ ގޮތުގައި، 32 ވަނަ އަހަރު ގުނަމުން އަންނަ ހުސެން މި އަހަރު ބައިވެރިވާނެ ފުރަތަމަ އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ މުބާރާތަކީ، ފިލިޕީންސްގައި ކުރިއަށްދާ އޭވީސީ ބީޗް ޓުއާ މުބާރާތެކެވެ. ދެ ވަނަ ނުވާލީ އޯޕަން ބީޗްވޮލީބޯޅަ މުބާރާތުގައި، ހުސެން ނޮމިނޭޓްކޮށްފައިވަނީ، ޓެކްނިކަލް ޑެލިގޭޓެއްގެ ވެސް ޒިންމާއާ އެކު އެވެ.

ހުސެން އަށް މި ޒިންމާ ހަވާލުކޮށްފައިވަނީ، އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން (އޭވީސީ) އިންނެވެ. ހުސެން އަކީ ހިނގަމުން މިދާ އޭވީސީގެ ދައުރުގައި، އެ ފެޑެރޭޝަނުގެ ބީޗްވޮލީބޯޅަ ކޮމިޓީގެ ވެސް މެމްބަރެކެެވެ.

މިދިޔަ ސަރުކާރުގެ ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ފުރުއްވި، ހުސެން އަކީ މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އެވެ. މިދިޔަ އަހަރުތަކުގައި ހުސެން ވޮލީބޯޅައިގެ ތެރެއިން އެންމެ ބޮޑަށް ފެނިގެންގޮސްފައިވަނީ، ބީޗްވޮލީބޯޅަ ރެފްރީއެއްގެ ގޮތުގަ އެވެ.

އެފްއައިވީބީން ބިޗް ވޮލީ ރެފްރީން ގިންތި ކޮށްފައި އޮންނަނީ ކެންޑިޑޭޓް ލެވަލުން ފެށިގެން، ގްރޭޑް ޑީ، ސީ، ބީ އަދި އޭ އެވެ. ހުސެން، 2012 ވަނަ އަހަރު ބެންކޮކުގައި ބީޗް ރެފްރީ ކޯސް ހެއްދެވުމަށް ފަހު ދެ އަހަރު ހޭދަކުރެއްވީ އެކްރެޑިޓް މެޗުތައް ހަމަކުރުމަށެވެ. އެއީ، ކެންޑިޑޭޓް ލެވަލްގަ އެވެ. އޭނާ ޑީ އަށް ޕްރޮމޯޓްވީ 2014 ވަނަ އަހަރު އެވެ. ހުސެން ވަނީ، ބީޗް ރެފްރީންގެ ލެވަލްގެ ދެ ހަރުފަތް ކަނޑަތުކޮށްފަ އެވެ. ހުސެން، ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، މީގެ އެއް އަހަރު ކުރިން ސީ ކެޓަގަރީ އަށް ޕްރޮމޯޓްވެފަ އެވެ.

ދުނިޔޭގެ ވަރުގަދަ ކުޅިވަރު މުބާރާތްތަކުގެ ބީޗްވޮލީބޯޅަ އިވެންޓުގައި އިންސާފުކޮށްފައިވާ ހުސެން ވަނީ ބައެއް މުބާރާތްތަކުގައި އިސް ޒިންމާތަކެއް ވެސް އަދާކޮށްފަ އެވެ. އެ ގޮތުން، އިސް ޑެލިގޭޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.

ހުސެން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި، ގާތްގާތުގައި ތިން އިންޓަނޭޝަނަލް މުބާރާތުގައި މަސައްކަތްކޮށްފަ އެވެ. އެއީ، ފިލިޕީންސް، ޗައިނާ އަދި އިންޑިއާގަ އެވެ.