24 ޑިސެންބަރު 2024 - 09:11 0
24 ޑިސެންބަރު 2024 - 09:11 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބީޗްވޮލީބޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އިން ހޯދައިފި އެވެ.
މިއީ، މި ޕެއާ އިން ގައުމީ ބީޗްވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ ފުރަތަމަ ބޭއްވި ގައުމީ ބީޗްވޮލީ ލީގުގެ ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރޭ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައި ކުޅުނު ފައިނަލުގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ނުކުތީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ޕެއާއާ ދެކޮޅަށެވެ. މި މެޗު ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ޑެންޒޯ އާއި ކޯކޭގެ ޕެއާއިން ކާމިޔާބުކުރީ 21-23 އިންނެވެ. އެކަމަކު، ޖެހިގެން އައި ދެވަނަ ސެޓުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުމުގެ ފައިދާ ނަގާ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ވަނީ ފަސޭހަކަމާއެކު 21-14 އިން ކާމިޔާބުކޮށްފަ އެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަހްނަފް / އަދަދު ސްޕޯޓްސް
ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ފަށައިގެން ވެސް ލީޑު ކޮށްގެން ކުޅުނީ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އެވެ. މި ސެޓު ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ކާމިޔާބުކުރީ 15-11 އިންނެވެ.
މީގެ ކުރިން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ބޭއްވި ބީޗްވޮލީބޯޅައިގެ ދެ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ގެނެސްދީފަ އެވެ. އެހެންކަމުން، ގައުމީ މުބާރާތް ދެ ވަނަ ފަހަރަށް ކާމިޔާބުކޮށް، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން މި ވަނީ ގައުމީ ލެވަލްގައި ވެސް ކުރިއަށް ފިޔަވަޅެއް ޖެހިލައިފަ އެވެ.
މީގެ ކުރިން ގައުމީ މުބާރާތްތަކުގައި އެޑަމް ކުޅެފައިވަނީ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)އާ އެއް ޕެއާ އަކަށެވެ. އަދި ކުޑަކާއްޓެ ކުޅުނީ، އަޝްފާގު އާދަމް (އައްކަޅޭ)އާ އެއް ޕެއާ އަކަށެވެ.
ގައުމީ ބީޗްވޮލީބޯލް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޯދީ އަދްނާން އާއި ޝިމާލްގެ ޕެއާއިންނެވެ. ތިންވަނަ ހޮވާ މެޗުގައި އަދްނާން އާއި ޝިމާލްގެ ޕެއާއިން ނުކުތީ ނިހާދް އަދި ޔޫސުފްގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު އަދްނާން އާއި ޝިމާލްގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
ގައުމީ ބީޗްވޮލީބޯލް ޗެމްޕިއަންޝިޕް ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާއިން ކާމިޔާބުކުރިއިރު, ގައުމީ ބީޗްވޮލީބޯލް ލީގުވެސް ކާމިޔާބު ކޮށްފައިވަނީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާއިންނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment