އޭޝިއާގެ ބީޗްވޮލީ ޓުއާ މުބާރާތެއް ރާއްޖޭގައި ވެސް ބޭއްވޭނެ ވިސްނުންތަކެއް

11 މާރިޗު 2025 - 09:45 0

2022 ވަނަ އަހަރު ސަން އައިލެންޑުގައި ކުރިއަށްދިޔަ އެފްއައިވީބީ ޓުއާ މުބާރާތުގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ


އޭޝިއާގެ ބީޗްވޮލީ ޓުއާ މުބާރާތެއް ރާއްޖޭގައި ވެސް ބޭއްވޭނެ ވިސްނުންތަކެއް

11 މާރިޗު 2025 - 09:45 0

އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން (އޭވީސީ)ގެ ބީޗްވޮލީބޯލް ޓުއާ މުބާރާތެއް ސެންޓްރަލް އޭޝިއާގައި ވެސް ގަވާއިދުން ބޭއްވިދާނެ ކަމަށާއި އެކަން ކުރަން ރާއްޖެ އަކީ އެކަށޭނެ އެއް ގައުމުގެ ގޮތުގައި، އޭވީސީ ބީޗްވޮލީބޯލް ކޮމިޓީ ބައްދަލުވުމެއްގައި މަޝްވަރާކޮށްފި އެވެ.

އޭވީސީގެ ބީޗްވޮލީބޯޅަ ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި، އޭވީސީގެ ރައީސް، ރައީސް ރަމޯން ސުޒާރާ ވިދާޅުވީ، އޭޝިއާ ބެހިފައިވާ އެކި ސަބް އެސޯސިއޭޝަންތަކަށް ބަލާއިރު، ބީޗްވޮލީބޯޅަ އިވެންޓުތައް ވަރަށް ހަރަކާތްތެރި ސަރަހައްދުތަކެއް އެބައޮތް ކަމަށެެވެ.

އެ ގޮތުން، ސައުތު އީސްޓް އޭޝިއާގައި ވިއެޓްނާމް، ތައިލެންޑް ފިލިޕީންސްގައި، އީސްޓާން އޭޝިއާގައި، ޗައިނާ އާއި ޗައިނީސް ޓައިޕޭގައި އަދި ވެސްޓާން އޭޝިއާ އަށް ބަލާއިރު، ގަތަރަކީ ވެސް ގަވާއިދުން ބީޗްވޮލީބޯޅަ އިވެންޓްތައް ކުރިއަށްގެންދާ ގައުމުތަކެއްކަން އޭވީސީން ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންކަމަށް އަލި އަޅުވާލައި، އޭވީސީގެ ރައީސް ސުޒާރާ ހުށަހެޅުއްވި ވިސްނުމަކީ ސެންޓްރަލް އޭޝިއާގައި ވެސް ގަވާއިދުން އޭވީސީ ޓުއާ ބީޗްވޮލީބޯޅަ ހަރަކާތްތައް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި ރާއްޖެ ފަދަ ގައުމުތަކުގައި މިކަން ކުރެެވޭނެ ކަމަށެެވެ. އަދި، އޭނާ ވަނީ މީގެ ސަބަބުން، މުޅި އޭޝިއާގައި ބީޗްވޮލީބޯޅަ ތަރައްގީކޮށް އިތުރަށް ފުޅާކުރަން ފުރުސަތު ހުޅުވިގެންދާނެ ކަމަށެެވެ.

އޭވީސީ ބީޗްވޮލީބޯޅަ ކޮމިޓީގައި، ރާއްޖޭގެ ތަޖުރިބާކާރު، ބީޗްވޮލީބޯޅަ ރެފްރީ، ހުސެއިން މުހައްމަދު (ވޮލީ ހުސެން) ވެސް ހިމެނެ އެވެ.

ވޮލީ ހުސެން، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ސެންޓްރަލް އޭޝިއާގައި ވެސް އޭވީސީގެ ބީޗްވޮލީބޯޅަ ހަރަކާތްތައް އިތުރު ކުރުމަކީ ކޮމިޓީ އަށް ހުށަހެޅުނު ވިސްނުމެއް ކަމަށާއި އެކަމާ މެދުގައި ކުރިއަށްއޮތްތަނުގައި އިތުރަށް މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ވެސް މި ސަރަހައްދުގައި ބީޗްވޮލީބޯޅަ މުބާރާތްތައް ބާއްވަމުން އަންނައިރު، އޭވީސީ ޓުއާ މުބާރާތްތައް އައުމަކީ އިތުރަށް ބީޗްވޮލީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމެކެވެ.

ރާއްޖޭގައި މިހާތަނަށް ހޯސްޓްކުރި އެންމެ ބޮޑު ބީޗްވޮލީބޯޅަ މުބާރާތަކީ، 2022 ވަނަ އަހަރު ސަން އައިލެންޑުގައި ކުރިއަށްދިޔަ ދުނިޔޭގެ ވޮލީބޯޅަ ފެޑެެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންްޖް އެވެ. އޭގެ ކުރިން، 2015 ވަނަ އަހަރު މާލޭ ދޮންގަނޑު ބީޗްވޮލީބޯޅަ ކޯޓުގައި ވަނީ އޭވީސީ ބީޗްވޮލީބޯލް ކޮންޓިނެންޓަލް ކަޕް ކުރިއަށްގެންގޮސްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ، މި އަހަރު އޮގަސްޓް މަހުގެ ތެރޭގައި، އައްޑޫ ސިޓީގައި ކާވާގެ ބީޗްވޮލީބޯޅަ ދެ މުބާރާތެއް ހޯސްޓްކުރަން ތާވަލުކޮށްފަ އެވެ.