ސްޓެލްކޯއިން ރާއްޖެއަށް ތައިވާނުގެ މަޝްހޫރު ބެޓަރީ ސައިކަލް ބްރޭންޑު ތައާރަފުކުރަން ނިންމައިފި އެވެ.
ގޮގޯރޯ މަރުކާގެ މި ސައިކަލްގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެއަށް މިހާރު ގެނެސްފި އެވެ. ނަމަވެސް އެއީ ކިތައް ސައިކަލް ކަމެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެ އެވެ.
ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބެޓަރީ ސައިކަލް ގެންނަ ވާހަކަ ސޯޝަލް މީޑިއާއަށް ތިލަވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އެކްސްގައި ހަމައެކަނި "ގޮގޯރޯ" ޖެހުމުންނެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ފަހުމީ މިއަދު އެކްސްގައި ވިދާޅުވީ ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ @WeAreGogoro ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.
ގޮގޯރޯ މަރުކާޒުގެ ބެޓަރީ ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާއިރު، އެ ބެޓަރީ ބޭނުން ކުރެވޭ ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެށްޓާ ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން،" ފަހުމީ ވިދާޅުވި އެވެ.
"މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރަން."
ސްޓެލްކޯއިން ސައިކަލް އެތެރެކުރާތީ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ. އަދި މިއީ ކުންފުނިން ކުރަން ޖެހޭ މަސައްކަތް ކަމުގައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާ ގުޅުމެއް ނެތް ކަމެއްގެ ގޮތުގައި ސިފަކޮށް, ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Comment