18 މާރިޗު 2025 - 15:22 0
އަމަން ހަލީމް
ރާއްޖޭގައި ތަރައްގީކޮށްގެން ހިންގާ ރިސޯޓެއް: ރިސޯޓުތަކަށް ދޫކުރާ ތަންތަނުގެ އެކުއިޒިޝަން ކޮސްޓު ކުރިން ހާމަކުރޭ -- ފޮޓޯ: އަދަދު ފައިލް
18 މާރިޗު 2025 - 15:22 0
ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ ސިއްރުކުރެވޭނެ މައުލޫމާތެއް ނޫން ކަމަށާއި ޓޫރިޒަމް މިނިސްޓްރީން އެ މައުލޫމާތު ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގެ ދަށުން, މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ދޫކުރި ތަންތަން ހޯދަން އެދި އަދަދު އިން ހުށަހެޅުމުން ޓޫރިޒަމުން ވަނީ އެއްވެސް ތަނެއް ކުއްޔަށް ދޫކުރި އަގު ހާމަކުރަން ދެކޮޅު ހަދާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ސަބަބަކަށް ދެއްކީ އެއްބަސްވުމުގައި ހިމެނޭ "ނަން-ޑިސްކްލޯޝާ އެންޑް ސާކަމްވެންޝަން" މާއްދާ އެވެ. އަދި މިއީ އާރުޓީއައި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހާމަނުކުރެވޭނެ މައުލޫމާތު ކަމަށް އެ މިނިސްޓްރީގެ ޖަބާވުގައި ބުންޏެވެ.
ޓޫރިޒަމުން ދިން ޖަވާބާ މެދު ހިތްހަމަނުޖެހޭތީ, އެ މިނިސްޓްރީގައި އޮންނަ ރިވިއު ކޮމިޓީއަށް ހުށަހެޅުމުން ވެސް މި މާއްދާގެ ބޭނުންކޮށް އެ ކޮމިޓީން ވެސް ވަނީ ޖަވާބު މުރާޖާކޮށްދޭން ނުޖެހޭ ކަަމަށް ނިންމާފަ އެވެ.
އައިކޮމްގައި މި މައްސަލަ އިލްތިމާސްކުރުމުން, އެ އޮފީހުން ބެލިބެލުމުގައި އާރުޓީއައި ގާނޫނާ ހަވާލާދީ ޓޫރިޒަމުން މި މައުލޫމާތު ހާމަކުރަން ދެކޮޅު ހެދީ އެއްބަސްވުމުގައި ސިއްރު ހިފެހެއްޓުމާ ގުޅޭ މާއްދާގެ ތެރެއަށް ލީސް އެކުއިޒިޝަން ކޮސްޓު ވައްދައިގެންނެވެ.
މައުލޫމާތު ނުދޭން ޓޫރިޒަމުން ނެގި މާއްދާގައި ސިއްރުކަމަށް ބަޔާންކޮށްފައި ވަނީ ވިޔަފާރިއާ ގުޅޭ އަގުތަކާއި, މާލީ މުއާމަލާތްތަކުގެ އެއްބަސްވުންތައް ފަދަ, އެއްބަސްވުމުގެ ބައިވެރިން އެއް ފަރާތުން އަނެއް ފަރާތަަށް ފޯރުކޮށްދޭ މައުލޫމާތެވެ. މި މައުލޫމާތުގެ ތެރޭގައި ލޭންޑް އެކުއިޒިޝަން ކޮސްޓު ނުހިމެނޭ ކަމަށް އައިކޮމުން ނިންމާފައިވެ އެވެ.
އައިކޮމްއިން ފާހަގަކޮށްފައިވާ ގޮތުގައި, މި މައުލޫމާތު ހާމަކޮށްގެން ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލޭނެ ކަމަށް ނުބެލެވެ އެވެ.
"އަދި ދޫކުރާ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްއާ ބެހޭ މައުލޫމާތަކީ އެކި މިންވަރަށް އާންމުކުރެވޭ މައުލޫމާތަކަށް ވާއިރު އާއި ކްލޯޒް ބިޑިންގެ އުސޫލުން ދޫކުރާ ރަށެއް ނަމަ, އެކުއިޒިޝަން ކޮސްޓަކީ ކުރިން ޝާއިއުކޮށްފައިވާ މައުލޫމާތަކަށް ވާތީ އާއި މި ކޮސްޓް ހިސާބުކުރެވޭ ގޮތް ވެސް އާންމުކުރެވިފައިވާއިރު, އެއްބަސްވުމަށް ވަނުމުގެ ކުރިން ވެސް އެ މައުލޫމާތު ސިއްރުކުރަން ނުޖެހޭކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގޭނެ," އައިކޮމްގެ ނިންމުމުގައިވެ އެވެ.
މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ލީސް އެކުއިޒިޝަން ކޮސްޓަކީ ހާމަކުރެވޭނެ މައުލޫމާތެއް ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ އައިކޮމްއިން ވަނީ ރަސްމީ ހަތް ދުވަހުގެ ތެރޭގައި މި މައުލޫމާތު މި ނޫހާ ހިއްސާކުރުމަށް އަންގާފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން, ޓޫރިޒަމްގެ ބޭނުންތަކަށް 16 ތަނެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ރަށާއި ނުވަ ފަޅެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment