ލާމިހު އާއި ނާޝިއު ވެސް މާޒިޔާ ސީނިއާ ސްކޮޑަށް

16 މާރިޗު 2025 - 07:06 0


ލާމިހު އާއި ނާޝިއު ވެސް މާޒިޔާ ސީނިއާ ސްކޮޑަށް

16 މާރިޗު 2025 - 07:06 0

އެފްއޭއެމް އިން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމުގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ލާމިހު އިމްތިޔާޒް އާއި ނާޝިއު އަހުމަދު ޝިހާމަށް މާޒިޔާ ސީނިއާ ޓީމުން ކޮންޓްރެކްޓް ދީފި އެވެ.

މެޗަކުން ބަލިނުވެ، ޔޫތު ތަށި ހޯދި ޓީމުގެ ހަތަރު ކުުޅުންތެރިއަކު މި ވަނީ މާޒިޔާ ސީނިއާ ޓީމަށް ޕްރޮމޯޓްކޮށްފަ އެވެ. މީގެ ކުރިން، އަލްހާން ފައިސަލް އަމީން އާއި މުހައްމަދު ޒީކް އަހުމަދު ވެސް ވަނީ ސީނިއާ ޓީމަށް ނަގައިފަ އެވެ. ޔޫތު ޓީމުގެ ކެޕްޓަން އީދާން އަހުމަދު މޫސާ އާއި އަނޫފް އަބްދުالله އަކީ ވެސް ސީނިއާ ޓީމުގެ ކުޅުންތެރިންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ ކްލަބް މާޒިޔާ އިން ޔޫތު ސިސްޓަމް ހަރުދަނާކުރަން ކުރި މަސައްކަތަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުވުމެވެ. މާޒިޔާ އިން ޔޫތު ތަށި ކާމިޔާބުކުރީ، 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.

މާޒިޔާ އިން މި ފަހަރު ޔޫތު މުބާރާތް ކާމިޔާބުކުރިއިރު، އެ ޓީމަށް އިރުޝާދުދިން ކޯޗު އިބްރާހިމް ސައީދު (ކަކާ) ބުނީ، މިއީ، ހަތް ވަރަކަށް އަހަރު މާޒިޔާ އިން ޓީމެއް ބިލްޑް ކުރެވޭތޯ އެކެޑަމީ ތެރެއިން ފަށައިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ޒުވާން ކުޅުންތެރިންތައް ހިމަނައިގެން މާޒިޔާ ސީނިއާ ޓީމުގެ ޕްރެކްޓިސް ކުރުމަކީ ވެސް އެ ކްލަބުން ކުޅުންތެރިން ކުރިއަރުވަން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމުގެ ހެއްކެއް ކަމަށް ޔޫތު ފުޓްބޯޅައިގެ ބައެއް ކޯޗިުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.