Advertisement

ފަހު ވަގުތު ގޯލު ޖަހައިގެން ހޯދި މޮޅާ އެކު މާޒިޔާ ރެކޯޑް ދަމަހައްޓައިފި

about 9 hours 0

ފަހު ވަގުތު މާޒިޔާ މޮޅުކޮށްދިން ލަނޑު ޖެހި މެންޑީ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ފަހު ވަގުތު ގޯލު ޖަހައިގެން ހޯދި މޮޅާ އެކު މާޒިޔާ ރެކޯޑް ދަމަހައްޓައިފި

about 9 hours 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުުތު ގޯލު ޖަހައިގެން 2-1 އިން ކްލަބް ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅާ އެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވި، މާޒިޔާ އިން ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން 9-0 އިން މޮޅުވި އެވެ. އެކަމަކު، ލީގުގެ ދެ ވަނަ ބުރު ފަށަން މި ދެ ޓީމު ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އަތުން މާޒިޔާ އަށް ލިބުނީ އުނދަގޫ މޮޅެކެވެ.

މި މޮޅާ އެކު، މާޒިޔާ އިން ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ނުވަ މެޗުން ލިބިފައިވަނީ، 22 ޕޮއިންޓެވެ. އޮޑިން މެޗު ހަމަކުރާއިރު، މާޒިޔާއާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، މާޒިޔާ އިން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަަސައްކަތުގައި އެ ޓީމުގެ ސްޕެއިން ފޯވާޑް، ސާޖިއޯ މެންޑީ ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ނައިޖީރިއާގެ އޯޖޯ ވަނީ މަތަކޮށްފަ އެވެ. މެޗުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅަައިގެން ކުޅުނު ނާއިޒް ހަސަން (ދާދު) ޖެހި ބޯޅަ ވެސް ކީޕަރު އޯޖޯ ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކީޕަރު އޯޖޯ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ގްރީން ސްޓްރީޓްސް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ޖެހި ހިލޭޖެހުމުންނެވެ. ރިލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކީޕަރު، އިޔާން އަބްދުލް އަލީމް (ޗިކީ) އަތްމަތިން ގޮހެވެ.

މާޒިޔާ އިން ނަތީޖާ ހަމަހަަމަކުރީ މެޗުގެ 68 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން އޭރިއާތެރެއިން މެންޑީ ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. ލީޑުނަގަން މާޒިިޔާގެ މުހައްމަދު އިލާން އިމްރާން އާއި މެންޑީ ފޮނުވާލި ބޯޅަތައް ކީޕަރު އޯޖޯ މަތަކުރި އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ނެގި ކޯނަރަކުން މެންޑީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އޯޖޯ އަތުގައި ޖެހިފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި، އޮޑި ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.