Advertisement

ނޭޕާލުގެ މަޝްހޫރު ދެ ކުޅުންތެރިން މާޒިޔާ އަންހެން ޓީމަށް

about 2 hours 0


ނޭޕާލުގެ މަޝްހޫރު ދެ ކުޅުންތެރިން މާޒިޔާ އަންހެން ޓީމަށް

about 2 hours 0

ނޭޕާލްގެ ގައުމީ ޓީމުގެ ފޯވާޑް ރޭކާ ޕުޑެލް އާއި ނޭޕާލްގެ ޤައުމީ ޓީމުގެ ފޯވަޑެއް ކަމަށްވާ ޑީޕާ ޝާހީ، ވަނީ މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފި އެވެ.

މާޒިޔާއާ ގުޅުނު ރޭކާ، 24، އަކީ ދެކުނު އޭޝިއާގެ އަންހެން ފުޓްބޯޅައިގައި މަޝްހޫރު ކުޅުންތެރިއެކެވެ. މިދިޔަ އަހަރު އޭއެފްސީ އަލަށް ބޭއްވި އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ރޭކާ ކުޅުނީ ޔޫއޭއީގެ އަބޫދާބީ ކަންޓްރީ ކްލަބަށެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކުރިއިރު، ރޭކާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. މުބާރާތުގައި އެނާ ވަނީ ލާއޮސްގެ ޔަންގް އެލިފަންޓްސް އަދި ސައޫދީ އަރަބިއްޔާގެ އަލް ނަސްރު ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.

ރޭކާ ވަނީ 2023 ވަނަ އަހަރު އިންޑިއާގެ އޮޑިޝާއާ އެކު، އިންޑިއަން ވިމެންސް ލީގުގައިވެސް ކުޅެފަ އެވެ. ނޭޕާލްގެ ޤައުމީ ޓީމަށް 2019 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ރޭކާ ވަނީ 2024 ވަނަ އަހަރު އޮތް އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ހަތް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ ކޮޅަށް ޖެހި ފަސް ލަނޑު ހިމެނެ އެވެ.


ރޭކާއާ އެކު މާޒިޔާއާ ގުޅުނު ޑީޕާ، 23، އަކީވެސް ނޭޕާލްގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. ޑީޕާ ވަނީ މީގެ ކުރިން އިންޑިއާގެ ޓީމަކަށް ކުޅެފަ އެވެ. ނޭޕާލްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ސީނިއާ ގައުމީ ޓީމުން އޭނާ ޖާގަ ހޯދީ 2022 ވަނަ އަހަރެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭ މެޗުގައި ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ނުކުންނާނެ އެވެ. މި މެޗުގައި މާޒިޔާގެ ޓީމުން ރޭކާ އަދި ޑީޕާ ފެންނާނެ ކަމަށް ބެލެވެ އެވެ.

މާޒިޔާ ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބިސް ބުރު އަތުން 2-0 އިން މޮޅުވެފަ އެވެ. ނޭޕާލްގެ ޤައުމީ ޓީމުގެ މެޗެއް އޮތުމުން މި މެޗުގައި ރޭކާ އާއި ޑީޕާ އަށް ކުޅެވޭ ގޮތެއްނުވި އެވެ.