Advertisement

ލީގުގެ ދެ ވަނަ ބުރު އުނދަގޫވާނެ، މާޒިޔާ ދަނީ ކުރިއަށް

about 19 hours 0

މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ލީގުގެ ދެ ވަނަ ބުރު އުނދަގޫވާނެ، މާޒިޔާ ދަނީ ކުރިއަށް

about 19 hours 0

މިއަދު ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ވަރަށް އުނދަގޫވާނެ ކަމަށާއި އޭނާ ހަވާލުވެ މިހާތަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެކު ކުރި މަސައްކަތުން އެ ކްލަބް ދަނީ ރަނގަޅަށް ކުރިއަށް ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ނިންމާލީ ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ވެސް ނަގައިގެންނެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މާޒިޔާގެ ކޯޗު، ހެނާންޑޭޒް ބުނީ، ލީގުގެ ފުރަތަމަ ބުރުގައި ހާސިލްކުރެވުނު ކަންކަމާ މެދު ވަރަށް ބޮޑަށް ހިތްހަަމަޖެހޭ ކަމަށެވެ. އަދި، ހާއްސަ ގޮތެއްގައި ހުރިހާ މެޗަކުން މޮޅުވެވުނުއިރު، އެ މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތުދެވި މުސްތަގުބަލަށް ވެސް މަސައްކަތްތަކެއް ކުރެވުމަކީ ބޮޑު ކަމެއްގެ ގޮތުގަައި ހެނާންޑޭޒް ފާހަގަކުރި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުުން ކުޅުނު 17 މެޗުގެ ތެރެއިން ބަލިވީ، އޭއެފްސީ ޗެލެންޖް ލީގުގައި ކުވެއިތުގެ އަލް އަރާބި އަތުންނެވެ. އަނެއް 16 މެޗުގެ ތެރެއިން މޮޅެއް ނުވެވުނީ، މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕްގައި، އޮޑި ސްޕޯޓްސް ކްލަބް އަތުންނެވެ.

މާޒިޔާއާ ހަވާލުވެ މިހާތަނަށް ކުރެވުނު މަސައްކަތާ ބެހޭގޮތުންނާއި އެ ޓީމަށް އައި ކުރިއެރުމާ ބެހޭގޮތުން ސުވާލުކުރުމުން ހެނާންޑޭޒް ބުނީ، އޭނާ އާއި ޓީމުގެ ކޯޗިން ސްޓާފުން ގުޅިގެން މިހާތަނަށް ކުރެވިފައިވަނީ، ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.

"އަހަރެން ގާތުގައި ބުނެފައިވާ ގޮތުން ލީގުގެ ފުރަތަމަ ނުވަ މެޗުން މާޒިޔާ މޮޅުވި ފުރަތަމަ ފަހަރު މިއީ. ކްލަބްގެ އަމާޒަކީ ލީގުގެ އެއް ވަނަ މަގާމުގައި އޮވެ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރިއަށްދިއުން. އެ މިސްރާބުން މި ދަނީ، މުސްތަގުބަލަށްޓަކައި ވެސް ތައްޔާރުވަމުން ކޮންމެ ހަފްތާއެއްގައި ވެސް، އުފަލަކީ މި ޕްލޭނަށް ކުޅުންތެރިން ވެސް މަސައްކަތް ކުރުން،" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާއާ އެންމެ ގާތުން ލީގަށް ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑިން ވަނީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. ހެނާންޑޭޒް ބުނީ، ޓީމުތައް ވަރުގަދަ ވުމާ އެކު ލީގުގެ ފެންވަރު ރަނގަޅުވެ، ދިވެހި ކުޅުންތެރިންނަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށާއި އޭގެ ފައިދާ ގައުމީ ޓީމަށް ވެސް ކުރާނެ ކަމަށެވެ.

"ލީގުގެ ދެ ވަނަ ބުރު ވަރަށް ވަރުގަދަވެފައި ފޯރިގަދަވާނެ މި ޓްރާންސްފާތަކާ އެކު، ހާއްސަކޮށް، ރަނގަޅު ލޯކަލް އަދި އިންޓަނޭޝަނަލް ޓްރާންސްފާތަކާ އެކު،" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާ އިން މިއަދު ހަވީރު ލީގުގެ ދެ ވަަނަ ބުރު ފަށާ މެޗުގައި ބައްދަލުކުރާނީ، ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. މި ވަގުތު ލީގުގެ އެންމެ ފުލުގައި، ގްރީން ސްޓްރީޓްސް އޮތް ނަމަވެސް ހެނާންޑޭޒް ވަނީ އެ ޓީމާ މެދު ސަމާލުވާން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި، މާޒިޔާ އިން މޮޅުވެގެން ކުރިއަށްދިއުމުގައި އެންމެ މުހިންމު ކަމަކީ ކޮންމެ ޓީމަކަށް ވެސް އެ ދޭން ޖެހޭ އިހުތިރާމް ފުރިހަމަ އަށް ދިނުން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.

"ގްރީން ސްޓްރީޓްސް އިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި، އީގަލްސް އާއި ނިއު ރޭޑިއަންޓަށް ވެސް ގެއްލުމެއް ދީފަައި، އެެހެންވީމަ، އަހަރެމެންނަށް ހަަމަޖެހިލައިގެން ތިބެވޭނެ ކަމަށް ނުދެކެން،" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާ އިން ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް ބަލިކުރީ 9-0 އިންނެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 15:50 ގަ އެވެ.