އެފްއޭއެމުން ކުންފުނިތަކަށް ދައްކަން އޮތް ދަރަނިތަކަށް ޕްލޭނެއް ހެދޭތޯ މަޝްވަރާކުރަނީ

about 16 hours 0


އެފްއޭއެމުން ކުންފުނިތަކަށް ދައްކަން އޮތް ދަރަނިތަކަށް ޕްލޭނެއް ހެދޭތޯ މަޝްވަރާކުރަނީ

about 16 hours 0

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައްކަން ޖެހޭ ފައިސާގެ ކަންކަން ހައްލުކުރުމަށް ޕްލޭންތަކެއް ހެދުމުގެ މަޝްވަރާތަކެއް ކުރިއަށްގެންދަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، ފީފާގެ މަންދޫބުންނާއި އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ މެމްބަރުން އަދި ކޮންގްރެސްގައި ބައިވެރިވި، ކްލަބްތަކުގެ ހާޒިރުގައި މިނިސްޓަރު ރާފިއު ވަނީ، ސަރުކާރުން އިސްވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު، އެފްއޭއެމް އިން ދައްކަން ޖެހޭ ދަރަނިތަކުގެ ކަންކަމުގެ ހައްލެއް ހޯދޭތޯ ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މިނިސްޓަރު ރާފިއު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެފްއޭއެމް އިން ދައްކަން ޖެހޭ ފައިސާ ވަކި ގޮތަކަށް ހަމަޖެހޭތޯ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ޕޭމަންޓް ޕްލޭނަކާ އެކީ ޑިފާ ކުރުން. ނުވަތަ އެޑްވަޓައިސްމަންޓް އަށް ޗޭންޖްކުރުން. ނޫނީ ސީއެސްއާރް ކަހަަލަ ކަންކަމަށް ފޯ އަ ގިވަން ޓައިމްފްރޭމް. އަދި މި ނޫން ވެސް ގޮތް އޮތްތޯ ބަލަމުން މި ދަނީ،" ރާފިއު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް އެފްއޭއެމް އިން އެތައް މިލިއަން ރުފިޔާއެއް ދައްކަންޖެހިފައި އެބައޮތެވެ. އޭގެ ތެރޭގައި، އެސްޓީއޯ، އެޗްޑީސީ އަދި މޯލްޑިވިއަން ހިމެނެ އެވެ.

އެފްއޭއެމްގެ މި ދަރަނިތަކާ ގުޅޭ ކަންކަމުގައި މިނިސްޓްރީން އިސްނަގަން ނިންމި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު، ރާފިއު ފާހަަަގަކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރަން ފީފާ އިން ކުރާ މަސައްކަތުގައި ސަރުކާރުން ވެސް ބައިވެރިވުމަށް ކަމަށެވެ.

ފީފާ އިން ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެހެނިހެން ގޮތްގޮތުން ވެސް ސަރުކާރާ ގުޅިގެން ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕުގެ ހިޔާނާތާއި އެހެނިހެން ހިންގުމުގެ މައްސަލަތަކާ ހެދި، ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނައީ މިދިޔަ އޮގަސްޓް މަހު އެވެ. އެ ކޮމިޓީގެ މެމްބަރުންގެ އަދަދު ފަހަކުން ތިނަކަށް ކުޑަކޮށްފައިވާއިރު، އެފްއޭއެމް އިން މިރޭ ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިފަ އެވެ.

މިރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައިގަނޑު މަސައްކަތަކީ، އެފްއޭއެމްގެ އެކި ކޮމިޓީތައް ކަނޑައެޅުމެވެ. އެއީ، ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ އަދި އެތިކްސް ކޮމިޓީ އެވެ. އެ ކޮމިޓީތައް ކަނޑައަޅަން ބޭއްވި މި ކޮންގްރެސްގައި ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއް ބައިވެރިނުވެ އެވެ. އެ ކްލަބްތަކަކީ، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ކްލަބް އެވެ.