ފެނާންޑޭސަށް ހެޓްރިކެއް، ޔޫރޮޕާ ލީގުގެ ކުއާޓާގައި ޔުނައިޓެޑުން ކުޅޭނީ ލިޔޯނާ ދެކޮޅަށް

about 17 hours 0


ފެނާންޑޭސަށް ހެޓްރިކެއް، ޔޫރޮޕާ ލީގުގެ ކުއާޓާގައި ޔުނައިޓެޑުން ކުޅޭނީ ލިޔޯނާ ދެކޮޅަށް

about 17 hours 0

މެންޗެސްޓާ (މާޗް 14) - ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާ އެކު، 4-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑުން ލިޔޯނާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މިދިޔަ ހަފްތާގައި ސޮސިއެޑާޑް ދަނޑުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ ޔުނައިޓެޑް ދަނޑުގައި ފުރަތަމަ ލީޑުނެގީ ޕެނަލްޓީ އަކުން، މިކޭލް އޮޔާޒަބާލް ޖެހި ގޯލުން ސޮސިއެޑާޑުންނެވެ. އެކަމަކު، ޔުނައިޓެޑަށް ލިބުނު ޕެނަލްޓީން ފެނާންޑޭސް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އަދި، ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ ލިބުނު، ޕެނަލްޓީއެއް ކާމިޔާބުކޮށް ފެނާންޑޭސް ޔުނައިޓެޑަށް ކުރި ހޯދައިދިނެވެ.

އޭގެ ފަހުން، ސޮސިއެޑާޑްގެ އަރަމްބުރޫ އަށް ވަނީ 63 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައިފަ އެވެ. އޭގެ ފަހުން، ޔުނައިޓެޑުން އިތުރު ދެ ގޯލު ޖެހި އެވެ. ކައުންޓަ އެޓޭކެއްގައި ފެނާންޑޭސް ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޔުނައިޓެޑަށް ތިން ވަނަ ގޯލު ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަަމަ ކުރި އެެވެ. އަދި، ފަހުން، ޑިއޯގޯ ޑަލޯ ވަނީ ލަނޑެއް ޖަހައި، ހަތަރު ވަަނަ ގޯލެއް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފަ އެވެ.

ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ލިޔޯނުން ދެ ވަނަ ލެގުގައި، 4-0 އިން ސްޓެއުއާ ބުކަރެސްޓް ބަލިކުރިއިރު، އެގްރިގޭޓަށް ބަލާއިރު، 7-1 އިން ކުރިހޯދި އެވެ. ލިޔޯނު ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި އެ ޓީމުގެ ލަނޑުތައް ޖަހައިިދިނީ، އާނެސްޓް ނުއާމާ އާއި ޖޯޖެސް މިކައުޓްޑްޒޭ އެވެ.

ފުރަތަމަ ލެގުގައި އޭޒެޑް އަލްކްމާރުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރި ނަމަވެސް، ދެ ވަނަ ލެގުގައި 3-1 އިން މޮޅުވެ، ޓޮޓެންހަމް ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ޓޮޓެންހަމްގެ ލަނޑުތައް ޖެހީ، ވިލްސަން އޮޑޮބޭއާ ދެ ގޯލާއި ޖޭމްސް މެޑިސަން ގޯލެކެވެ. އެ ޓީމު ކޮޅަށް އޭޒެޑް އަލްކްމާރުގެ ގޯލު ޖެހީ، ޕީއާ ކޫޕްމައިނާސް އެވެ.

ޓޮޓެންހަމުން ކުއާޓާގައި، ކުޅޭނީ އައިންޓްރަކްޓް ފްެރޭންކްފާޓާ އެވެ. ފްރޭންކްފާޓުން ވަނީ ގަދަ 16 ބުރުގައި، ނެދަލެންޑްސްގެ އަޔަކްސް އަތުން ދެ ލެގުގައި ވެސް މޮޅުވެފަ އެވެ. އަނެއް ކުއާޓާގައި ކުޅޭނީ ރޭންޖާސް އާއި އެތުލެޓިކް ބިލްބާއޯ އެވެ. ރޭންޖާސް އިން ޕެނަލްޓީ ޖަހައިގެން، ހޯސޭ މޮރީނިއޯގެ ފެނަބާޗޭ ކަޓުވާލިއިރު، ބިލްބާއޯ އިން މޮޅުވީ، ރޯމާ އަތުންނެވެ.