ކުންފުނި ހަރުދަނާކުރަން މިފްކޯއިން ވަކިކުރި ތިން މެނޭޖަރުން އަލުން ވަޒީފާއަށް

13 މާރިޗު 2025 - 08:34 0

އަމަން ހަލީމް

އ

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު: ވަކިކުރި މެނޭޖަރުންނަށް ވަޒީފާ އިޔާދަކޮށްދިނީ ފަރުހަތު މަގާމާ ހަވާލުވުމަށް ފަހު-- ފޮޓޯ: މިފްކޯ


ކުންފުނި ހަރުދަނާކުރަން މިފްކޯއިން ވަކިކުރި ތިން މެނޭޖަރުން އަލުން ވަޒީފާއަށް

13 މާރިޗު 2025 - 08:34 0

ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ މިދިޔަ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް އަލުން ވަޒީފާ ދީފައިވާ ކަން އަދަދު އަށް އެނގިއްޖެ އެވެ.

މިފްކޯއިން މި ތިން މެނޭޖަރުން ވަކިކުރަމުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ކުންފުނި ހަރުދަނާކުރަން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެ ނިންމުމަށް މަސް ދުވަސް ވެސް ނުވަނީސް އެ އެންމެނަށް އަލުން މި ވަނީ ވަޒީފާ ދީފަ އެވެ.

މި ކަން އިއުލާންކުރި އިރު ވަކިކުރި މީހުންގެ ނަންތަކެއް މިފްކޯއިން ހާމަނުކުރެ އެވެ. ނަމަވެސް އެކި މަސްދަރުތަކުން މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މަގާމުން ވަކި ޖެނެރަލް މެނޭޖަރުންނަކީ:

  • ލޯކަލް ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖަރު - އައިޝަތު ރިޔާޒާ
  • ބިޒްނަސް ޑިވެލޮޕްމަންޓު ޖެނަރަލް މެނޭޖަރު - އައިމިނަތު ސަނިއްޔާ ޝަރީފު
  • ޕްރޮކިޔުމަންޓް ޖެނެރަލް މެނޭޖަރު - ހަސަން ޒާހިދު

ވަކިކުރި މެނޭޖަރުންގެ ވަޒީފާ އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން މިފްކޯގެ ބަހެއް ނުލިބުނެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ރިޔާޒާއާ މި ނޫހުން ސުވާލުކުރުމުން އޭނާ ވިދާޅުވީ ވަޒީފާއިން ވަކިކުރީ "އިދާރީ އޮޅުމަކުން" ކަމަށެވެ.

ރިޔާޒާ މިހެން ވިދާޅުވި ނަމަވެސް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނި ގޮތުގައި, މި އެންމެން ވަޒީފާއިން ވަކިކުރީ ތިން މަހުގެ "ސެވެރަންސް ޕޭ" ވެސް ދިނުމަށް ފަހުގަ އެވެ. އެކަމަކު އަލުން އިއުލާންކުރުމެއް ނެތި އެންމެނަށް ވަޒީފާ ދިން އިރު މި ފައިސާ ވެސް އަނބުރާ ނުނަގާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިފްކޯގެ ޖެނެރަލް މެނޭޖަރަކަށް މަހު މުސާރައިގެ ގޮތުގައި 42,000ރ. ލިބެ އެވެ. މި އަދަދުން ހިސާބުކުރާއިރު, އެ ތިން މީހުން ވަޒީފާއިން ކަނޑާލީ 126,000ރ. ދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެނެރަލް މެނޭޖަރުންތައް ވަކިކުރަން ނިންމީ އެ ކުންފުނީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިތާލީ ލުބިމޮފް އެވެ. އެ ފަހުން އޭނާ މަގާމުން ވަކިކޮށްފައިވާއިރު, ލުބިމޮފް ވަކިކުރަން ނިންމި ސަބަބެއް މިހާތަނަށް މިފްކޯ އާއި ސަރުކާރުން ވެސް ނުބުނެ އެވެ.

ލުބިމޮފް ވަކިކުރުމަށް ފަހު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރެވެ. ވަކިކުރި ޖެނެރަލް މެނޭޖަރުންގެ ވަޒީފާ އިޔާދަކޮށްދިނީ ވެސް އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

މިފްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މާލީ ހާލަތު ގޯސް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން އެކި ސަރުކާރުތަކުން ތަފާތު މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ކުންފުނީގެ މާލީ ހާލަތަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

މިހެން ނަމަވެސް އެ ކުންފުނިން ވަނީ ސަރުކާރު މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކީ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފަ އެވެ.