Advertisement

ތަރުހީބު ކުޑަ ކަމުން ސުޕްރީމް ކޯޓަށް ކުރިމަތިިލާން ދެވަނަ ފަހަރަށް ހުޅުވާލައިފި

13 މާރިޗު 2025 - 00:04 0

ސުޕްރީމް ކޯޓު: ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލީ އެ ކޯޓުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން -- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ތަރުހީބު ކުޑަ ކަމުން ސުޕްރީމް ކޯޓަށް ކުރިމަތިިލާން ދެވަނަ ފަހަރަށް ހުޅުވާލައިފި

13 މާރިޗު 2025 - 00:04 0

ސުޕްރީމް ކޯޓުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ދެވަނަ ފަހަރަށް މިރޭ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން މި ފުރުސަތު އަލުން ހުޅުވާލީ އެ ކޮމިޝަނުން ފުރަތަމަ ކުރި އިއުލާނުގެ ސުންގަޑި ހަމަވީއިރު އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އެވެ. އެ އިއުލާނުގެ މުއްދަތު ހަމަވީއިރު އެ މަގާމަށް ކުރިމަތިލެއްވީ, ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

ސުޕްރީމް ކޯޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ އަންނަ ހޮނިހިރު ދުވަހުގެ 10:00 ކުރިންނެވެ. އަދި އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަށް މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުން ސުއޫދު އިސްތިއުފާ ދެއްވީ ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް, އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ. އޭނާގެ މި ތުހުމަތުތައް އަމާޒުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ އިތުރުން ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އޭސީސީގެ ރައީސް އާދަމް ޝާމިލްއަށެވެ.

ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނީ ސިިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށެވެ. ސުއޫދު ހިމެނޭހެން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމި ފަހުންނެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ އިތުރުން, އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކުރަން މަޖިލީހުން ކޯޓުތަކުގެ ގާނޫނު ވެސް ބަދަލުކުރި އެވެ. ނަމަވެސް ރައީސް ވަނީ މި ބިލު ތަސްދީގުނުކުރައްވާ އަނބުރާ ފޮނުވާލައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލެއްވީ, އެ ބިިލު ގާނޫނު އަަސާސީ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ގުޅޭ ގޮތުން ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ކަމަށް ބަންޑާރަ ނައިބު ލަފާދެއްވުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.