Advertisement

ޖޭއެސްސީން ހަދަނީ ދޮގު، ހައްގުތައް ހިފެހެއްޓި: އަޒްމިރާލްދާގެ ވަކީލު

12 މާރިޗު 2025 - 20:44 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފަނޑިޔާރު އަޒްމިރާލްދާ (ވ) އަދި އޭނާގެ ވަކީލު: ޖޭއެސްސީން ބުނީ މައްސަލައިގައި ޖަވާބުދާރީ ވާނީ އަޒްމިރާލްދާ ކަމަށް -- ފޮޓޯ: އަހުމަދު އާއިދު / އަދަދު


ޖޭއެސްސީން ހަދަނީ ދޮގު، ހައްގުތައް ހިފެހެއްޓި: އަޒްމިރާލްދާގެ ވަކީލު

12 މާރިޗު 2025 - 20:44 1

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ސިއްރު ތަހުގީގުގައި އޭނާއަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ލިބުނު ކަމަށް ބުނެ އެ ކޮމިޝަނުން ހެދީ ދޮގު ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ޝަމީލް އެކްސް ގައި ލިޔުއްވާފައިވާ ގޮތުގައި އަޒްމިރާލްދާގެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ފަނޑިޔާރާ ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދީފައި ނުވާ ކަމަށާއި އެއިން ސުވާލަކަށް ޖަވާބު ދޭން ވެސް އެދިފައި ނުވާ ކަމަށެވެ.

"ހަގީގަތް ހާމަކުރައްވަން ކެރިވަޑައިގަންނަވާނަމަ މާޗު 11، ގެ ތަޙުޤީޤު ބަޔާނުގެ ޓްރާންސްކްރިޕްޓް ޢާއްމުކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ޖޭއެސްސީގެ ގާނޫނުގެ ދަށުން ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ފަނޑިޔާރު ކަމަށާއި ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ގާނޫނީ ލަފާދިނުން ކަމަށެވެ.

އެ ގޮތުން އެ ފުރުސަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށް ވެސް ދީ، އަދި ބޭނުންވާނަމަ ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތު ވެސް ތަކުރާރުކޮށް ދިން ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީން މިހާރު ބަލަމުންގެންދާ ސުލޫކީ މަައްސަލަތައް ބަލަން ފެށީ ކޮޮރަޕްޝަން ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.

އެ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.

ޖޭއެސްސީގެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތެވެ. ނަމަވެސް، އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ބުނެ ޖޭއެސްސީން ނިންމީ ތަހުގީގު އަޑުއެހުންތައް ސިއްރު ކުރުމަށެވެ.

ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ ހާޒިރުވެވަޑައިގެން ބަޔާން ދެއްވާފަ އެވެ.