ވިރާތު އާއި ރޯހިތު އިންޑިއާގެ އޯޑީއައި ޓީމުން އަދި ރިޓަޔާނުކުރާނެ

10 މާރިޗު 2025 - 04:49 0


ވިރާތު އާއި ރޯހިތު އިންޑިއާގެ އޯޑީއައި ޓީމުން އަދި ރިޓަޔާނުކުރާނެ

10 މާރިޗު 2025 - 04:49 0

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މާޗް 10) - އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް (އޯޑީއައި) ފޯމެޓްގައި ވާދަކުރާ ޓީމުން އަދި ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޗެމްޕިއަންސް ޓްރޮފީގެ ކާމިޔާބީ އަށް ފަހު، ކެޕްޓަން ރޯހިތު ޝަރްމާ އާއި ޓީމުގެ ތަރި ވިރާތު ކޯލީ ބުނެފި އެވެ.

މިދިޔަ އަހަރު ވެސްޓް އިންޑީސްގައި ކުރިއަށްދިޔަ ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު، ވިރާތު އާއި ރޯހިތު ވަނީ އިންޑިއާގެ ޓީ20 ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ އަށް ފަހު އޯޑީއައި ޓީމުން ވެސް ވިރާތު އާއި ރޯހިތު ކުޅުން ހުއްޓާލާނެކަން ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ.

ނިއު ޒީލެންޑް އަތުން ހަތަރު ވިކެޓުން މޮޅުވެ، ކުުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 12 އަހަރަށް ފަހު، ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށް، ނޫސްވެރިންގެ ބައްދަލުވުމުގައި ރޯހިތު ބުނީ، އޭނާ އޯޑީއައި ފޯމެޓްގައި އިންޑިއާ އަށް ކުޅުން ހުއްޓާލި ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

"އަހަރެން މި ފޯމެޓްގައި (އިންޑިއާ އަށް) ކުޅުން ހުއްޓައެއް ނުލަން. ތި މީހުން، މީޑިއާ އިން މި ވާހަކަތައް ދައްކާތީވެ، ސާފުކޮށްލަން ބޭނުންވީ، އަހަރެން މި ފޯމެޓްގައި ކުޅުން ހުއްޓާލާ ކަމަށް ދެކެވޭ ވާހަަކައިގައި ހަގީގަތެއް ނެތް،" ރޯހިތު ބުންޏެވެ.

މީޑިއާގެ ސުވާލަކަށް ޖަވާބުދެމުން ވިރާތު ވެސް ރިޓަޔާކުރުމާ ގުޅޭ ބަޔަށް ޖަވާބެއް ނުދީ ބުނެފައިވަނީ، މީގެ އެންމެ މުހިންމު ކަމަކީ، އިންޑިއާ ގައުމީ ޓީމުގައި ތިބި އަރަމުން އަންނަ ކުޅުންތެރިންނަށް އެހީތެރިވެދީ، ޓީމު ރަނގަޅު ހިސާބެއްގައި އަންނަން އޮތް އަހަރުތަކަށް ތައްޔާރުކޮށްދޭން އެހީވުން މުހިންމު ކަމަށެވެ.

"މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީން ވެސް ފެނިގެން އެ ދިޔައީ، މި ޓީމު ކުރިއަށްދާނެކަން، މިއީ އިންޑިވިޖުއަލް ޓްރޮފީއެއް ނޫން. މިއީ ޓީމު ޓްރޮފީއެއް. ކޮންމެ ކުޅުންތެރިންތަކެއް ވެސް ވަރަށް ރަނގަޅަށް އެކި ދުވަހު ޕާފޯމްކޮށްފި، އެހެންވެ، މި ކާމިޔާބީގައި މުޅި ޓީމުގެ ހިއްސާ ވަރަށް ބޮޑު،" ވިރާތު ބުންޏެވެ.

"އަހަރެންގެ އުންމީދަކީ އިންޑިއާގެ ކްރިކެޓް ވަރަށް އުހުގައި އަބަދުވެސް އޮތުން. އަހަންނަށް ފެންނަ މަންޒަރުތަކަށް ބަލާއިރު، ކުރިއަށް އޮތް އަށް ވަރަކަށް އަހަރު ވެސް އިންޑިއާ އިން މި ގޮތަށް ޑޮމިނޭޓްކުރަމުން ދާނެ،"

ވިރާތު ވަނީ، އިންޑިއާގެ އަރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބެޓްސްމަނުންގެ ހުނަރަށް ތައުރީފުކޮށްފަ އެވެ. އެ ގޮތުން، ޝުބްމަން ގިލް، ޝްރޭޔަސް އައްޔަރު، ކޭއެލް ރާހުލް އަދި ހާޑިކް ޕާންޑްޔާ މި މުބާރާތުން ވެސް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިރާތު ވަނީ ބުނެފަ އެވެ.