Advertisement

އޭސީސީން ބަލަމުންދާ ފަނޑިޔާރުންގެ މައްސަލަތަކާ ގުޅޭގޮތުން ޝާމިލް އެއްޗެއް ނުބުނި

9 މާރިޗު 2025 - 13:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭސީސީގެ ރައީސް އާދަމް ޝާމިލް: އެ ކޮމިޝަނުން ބަލަމުންދާ ފަނޑިޔާރުންގެ މައްސަލަތަކާމެދު އޭނާ ބަހެއް ނުބުނި --- ފޮޓޯ: އޭސީސީ


އޭސީސީން ބަލަމުންދާ ފަނޑިޔާރުންގެ މައްސަލަތަކާ ގުޅޭގޮތުން ޝާމިލް އެއްޗެއް ނުބުނި

9 މާރިޗު 2025 - 13:16 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކުރި ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ދެކޮޅު ހައްދަވައިފި އެވެ.

މި މައްސަލަތައް ބަލަމުން ދަނީ ވަރަށް ސިއްރިއްޔާތުގައި އެއްވެސް މައުލޫމާތެއް ހާމަކުރުމެއް ނެތި އެވެ. ތަކުރާރުކޮށް ގުޅައިގެންނާއި މެސެޖުކޮށްގެން މައުލޫމާތު ހޯދުމަށް "އަދަދު" ނޫހުގެ ނޫސްވެރިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.

މިއީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އެއްކޮށް ހުއްޓެން މެދުވެރިވި ތަހުގީގަކަށްވުމާއެކު އެ ކަމުގެ މައުލޫމާތު ހޯދުމަށް މިއަދު "އަދަދު"ގެ ނޫސްވެރިން ދިޔައީ އޭސީސީގެ އޮފީސް ކައިރިއަށެވެ. އެ ތަނުުގައި ތިއްބައި އޭސީސީގެ އޮފީސް ހުންނަ އިމާރާތުގައި ފައިބައިގެން ޝާމިލް ނުކުންނަނިކޮށް އޭނާއާ ސުވާލު ކުރުމުން މިވަގުތު އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

"މިވަގުތު ނެތް އެއްޗެއް ބުނެވޭކަށް. ފަހުން ވާހަކަ ދައްކާނީ،" މިހެން ވިދާޅުވުމަށްފަހު ސުވާލުތައް ތަކުރާރުކޮށް ކުރަނިކޮށް ޝާމިލް ވަނީ އެ ތަން ދޫކޮށް ވަޑައިގެންފަ އެވެ.

އޭސީސީން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ ޖޭއެސްސީން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކާތީ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން، ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މިއީ ފެބްރުއަރީ 26، ގައި މި މައްސަލަތައް ބަލާތީ ފަނޑިޔާރުން ސަސްޕެންޑުކުރިފަހުން ނޫހަކުން ޝާމިލް އާ ސުވާލުކުރި ފުރަތަމަ ފަހަރެވެ. އެ މައްސަލަތަކުގެ ތަފުސީލު ރަސްމީކޮށް ހާމަކުރަން އޭސީސީގެ މީޑިއާ އޮފިޝަލުންވެސް ވަނީ ދެކޮޅު ހަދާފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ސުއޫދާ ގުޅޭ ގޮތުން ބަލަމުންދަނީ ހައި ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް، ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި ހައި ކޯޓުގެ އެސިސްޓަންޓް ރެޖިސްޓްރާ އާއި އެ ކޯޓުގެ ބައެއް ފަނޑިޔާރުން ވަނީ ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށް ހުރަސް އަޅާފަ އެވެ.

ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާއަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. މި މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މިއަދު އޭސީސީއަށް ހާޒިރުކުރި އެވެ. ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ އާއި އަލީ އާދަމް ވެސް އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގި އެވެ.

ޖޭއެސްސީން ވެސް ގެންދަނީ މި މައްސަލަތައް ތަހުގީގުކުރަމުންނެވެ. އެ ތަހުގީގަށް މިއަދު ފަނޑިޔާރު މަހާޒް އަދި މާދަމާ ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރަން ވަނީ ހަމަޖެހިފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖޭއެސްސީން ހުރަސްއެޅިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބްރުއަރީ 26، ގައި ގައިރު ގާނޫނީ ބިލެއް ފާސްކޮށްފަ އެވެ.

އެ ބިލު ތަސްދީގު ނުކުރަން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. ތަސްދީގު ކުރި ނަމަވެސް އެއީ އަމަލު ކުރެވޭނެ ބިލެއް ނޫން ކަމަށް ބާ ކައުންސިލުން ބުނެ އެވެ. އެ ބިލަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ފާސް ކުރި ބިލެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ވަކީލުން ވިދާޅުވެފައިވެ އެވެ.