Advertisement

މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަ ބަލަން ކަމަށް ބުނެ ގާޒީ ސޮފްއަތު ވެސް މިއަދު އޭސީސީއަށް ހާޒިރު ކުރަނީ

9 މާރިޗު 2025 - 11:46 1

އޭސީސީގެ ރައީސް އާދަމް ޝާމިލް: އޭސީސީއިން މައްސަލަ ބަލަނީ ނެތް ހާލަތެއް ނެތް އުފައްދައިގެން ކަމަށް އަޒްމިރާލްދާގެ ވަކީލުން ބުނޭ -- ފޮޓޯ: އަދަދު ފައިލް


މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަ ބަލަން ކަމަށް ބުނެ ގާޒީ ސޮފްއަތު ވެސް މިއަދު އޭސީސީއަށް ހާޒިރު ކުރަނީ

9 މާރިޗު 2025 - 11:46 1

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމަށްފަހު ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މިއަދު ހާޒިރުވާން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.

އެ މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ އާއި އަލީ އާދަމް ވެސް ހާޒިރު ކުރި އެވެ. ކްރިމިނަލް ކޯޓުގެ ގާޒީން އޭސީސީއަށް މި ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ ތަހުގީގަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑު ކުރި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކާތީ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން، ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާއަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. ސުއޫދާ ގުޅޭ ގޮތުން ބަލަމުންދަނީ ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެއްޗެހި ގޮވި ކަމަށް ބުނާ މައްސަލައެކެވެ. އޭސީސީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އެ މައްސަލަ ބަލަ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައިގައި ފަނޑިޔާރު ސުއޫދު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ސުއޫދު ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި ބަންޑާރަ ނައިބު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށެވެ.

"... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފިން،" އިސްތިއުފާގެ ސިޓީގައި ސުއޫދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާގެ ގާނޫނީ ވަކީލުން ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ގާނޫނީ ވެރިކަމަށް ރުޖޫއުވާން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތްތަކެއް ހިންގަމުންދާއިރު އެކަމާ ގުޅިގެން މުއައްސަސާތަކަށް ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސް އެޅިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖޭއެސްސީން ހުރަސްއެޅިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބްރުއަރީ 26، ގައި ގައިރު ގާނޫނީ ބިލެއް ފާސްކޮށްފަ އެވެ.

އެ ބިލު ތަސްދީގު ނުކުރަން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. ތަސްދީގު ކުރި ނަމަވެސް އެއީ އަމަލު ކުރެވޭނެ ބިލެއް ނޫން ކަމަށް ބާ ކައުންސިލުން ބުނެ އެވެ. އެ ބިލަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ފާސް ކުރި ބިލެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ވަކީލުން ވިދާޅުވެފައިވެ އެވެ.