Advertisement

ކޮތަރުތަކަށް ބައްޔެއް ޖެހިފައިވާކަން ޓެސްޓުތަކުން ދައްކާ، އެކަމަކު އިންސާނުންނަށް ނުރައްކަލެއް ނެތް

6 މާރިޗު 2025 - 16:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި އާންމުކޮށް ކޮތަރުތައް ޖަމާވާ ސަރަހައްދެއް ކަމުގައިވާ ޖުމްހޫރީ މައިދާނުގައި މީހަކު ކޮތަރުތަކަށް ކާން ދެނީ: ކޮތަރުތަކަށް ބައްޔެއް ޖެހިފައިވާކަން ޓެސްޓުތަކުން ދައްކާ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ: އަދަުދ ފައިލް


ކޮތަރުތަކަށް ބައްޔެއް ޖެހިފައިވާކަން ޓެސްޓުތަކުން ދައްކާ، އެކަމަކު އިންސާނުންނަށް ނުރައްކަލެއް ނެތް

6 މާރިޗު 2025 - 16:21 0

މާލޭގެ އެކި ސަރަހައްދުތަކުގައި މަރުވެފައި އޮއްވާ ފެންނަ ކޮތަރުތަކުގެ ޓެސްޓުތައް ހެދުމުން ބައްޔެއް ޖެހިފައިވާކަން ދައްކާ ކަމަށާއި އެކަމަކު އިންސާނުންނަށް އޭގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭގައި ގިނަ އަދަދެއްގެ ކޮތަރު މަރުވަމުންދާކަން ފާހަގަކުރެވުމާ އެކު އެކަމުގެ ހަގީގަތް ދެނެގަތުމަށް ސާމްޕަލް ނަގައި ހެދި ޓެސްޓުތަކުން އެ ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަންސް ކޮރައިޒާ ކަމަށެވެ.

"މި ބައްޔަކީ އާންމުކޮށް ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް. މި ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓްރީގެ ޓެސްޓުތަކުގެ މައްޗަށް. މިއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަކަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް،" އެ މިނިސްޓްރީން ބުންޏެވެ.

ތަހުލީލުތަކުން ދައްކާ ގޮތުގައި އެ ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާ ކަމަށެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ އެ ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާ ލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުން ބުއިމަށް އުނދަގޫވާ ބައްޔެއް ކަމަށާއި އެ ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެއް ކަމަށެވެ.

އެ ބަލިން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، ރައްކާތެރި ގޮތަކީ މަރުވެފައިވާ ކޮތަރު ނުވަތަ ބަލިވެފައިވާ ކޮތަރުތަކާއި ކުޑަކުދިން ކައިރި ނުކޮށް، ބޮޑެތި މީހުން ވެސް އެތަކެތީގައި އަތްލައި ހިފައި އުޅޭއިރު، ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުން ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.