އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި މަޝްރޫއު ހުއްޓިފައި އޮންނަތާ އަހަރެއް!

6 މާރިޗު 2025 - 08:57 0

ލީވާން އަލީ ނާސިރު

ލ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ އޭޕްރީލް 18، 2024 ގައި ފެނަކަ ކޯޕަރޭޝަނުން ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން


އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި މަޝްރޫއު ހުއްޓިފައި އޮންނަތާ އަހަރެއް!

6 މާރިޗު 2025 - 08:57 0

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކުރިތާ އަހަރެންވާން ކައިރިވެފައި ވާއިރު، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން އެނގިއްޖެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަން އާއި ފެނަކަ ކޯޕަރޭޝަންއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރީލް 18، ގަ އެވެ.

ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ ގޮތަށް ހަވާލުކުރި މި މަޝްރޫއުއަށް ބޭނުންވާ ފައިސާ ޑޮންފަންގް ފަރާތުން އަދިވެސް ނުހޯދޭ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމެންޓާ ހަވާލާދީ، އިތުބާރު ކުރެވޭ މަސްދަރަކުން "އަދަދު" ނޫހަށް ބުންޏެވެ.

ނަމަވެސް މި މަޝްރޫއުގެ އެޑްވާންސްގެ ގޮތުގައި ފައިސާ ދީފައިވާކަން އެނގިފައިވެ އެވެ.

މި މަޝްރޫއުއާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މި މަޝްރޫއުގައި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓުގެ ގެ ދެ ޖެން ސެޓާއި އަދި 5.8 މެގަވޮޓް ދެ ޖެން ސެޓް ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާގައި އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި، މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވެގެންދާނެ ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތް ނުފެށި އޮތް އިރު، އައްޑޫން ކަރަންޓު ދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެ ފަ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން، ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާތީ، އެކަން ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އިހުތިޖާޖު ކުރުން ކަމަށް އެ ސިޓީގެ މޭޔަރުު، އަލީ ނިޒާރު ވަނީ ގޮވާލައިފަ އެވެ.

މިހެން ގޮވާލައްވާފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ރޭ އައްޑުއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ބަޔަކު ނުކުމެ މުޒާހަރާ ކުރި އެވެ.