Advertisement

ހެނދުނުން ފެށިގެން މުޅި ނޮޅިވަރަންފަރަށް ކަރަންޓެއް ނުލިބޭ


ހެނދުނުން ފެށިގެން މުޅި ނޮޅިވަރަންފަރަށް ކަރަންޓެއް ނުލިބޭ

މުޅި ހދ. ނޮޅިވަރަންފަރަށް މިއަދު ހެނދުނުން ފަށައިގެން ކަރަންޓު ނުލިބޭތީ ރަށުގެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށްވެއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި 1200 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރަށް ކަރަންޓު ފޯރުކޮށްދިނުމަށް މައްސަލަތަކެއް ދިމާވެގެން އުޅެނީ އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ 800 ކިލޯ ވޮޓުގެ އިންޖީނުގެ ޕެނަލް ބޯޑުގެ ބަޔަކަށް މައްސަލަ ޖެހިގެންނެވެ.

ހަލާކުވި ބައި ގެނެސް ބަދަލުކުރުމުން އިންޖީނުގެ އެހެން ބަޔަކަށް މިހާރު މައްސަލަ ދިމާވެގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ނޮޅިވަރަންފަރުގައި އޮޕަރޭޓު ކުރަމުންދަނީ 400 ކިލޯ ވޮޓްގެ އިންޖީނެވެ. އެ ރަށަށް އެންމެ މަދުން ވެސް 1،000 ކިލޯ ވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. މިހާރު އޮޕަރޭޓުކުރާ 400 ކިލޯވޮޓްގެ އިންޖީނާއެކު ކޮންމެ 30 މިނެޓަކުން އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.

ނޮޅިވަރަންފަރަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު އަދަދު އަށް ވިދާޅުވީ މުޅި ރަށަށް ކުރިއަށް އޮތް ތިން ގަޑިއިރެއްހާއިރު ތެރޭގައި ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ރަށުން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ރޯދަ މަސް ތެރޭގައި ކަރަންޓުގެ މިފަދަ މައްސަލައެއް ދިމާވުމާ ގުޅިގެން ރައްޔިތުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ.

މިގޮތުން ރޯދަ ވީއްލި ވަގުތާއި އަދި އެހެނިހެން ވަގުތުތަކުގައި ވެސް މިއަދު ރައްޔިތުންނަށް އެތަކެއް އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ. ނޮޅިވަރަންފަރުގައި 1،200 އެއްހާ މީހުން ދިރިއުޅޭއިރު، އެ ރަށުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް މިވަގުތު އެބަ ތިއްބެވެ.