ލިވަޕޫލުން ޕީއެސްޖީ ބަލިކުރިއިރު، ބާސެލޯނާ އާއި ބަޔާނުން ފައިދާނަގައިފި

5 މާރިޗު 2025 - 22:32 0

ލިވަޕޫލްގެ އެލިއަޓް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


ލިވަޕޫލުން ޕީއެސްޖީ ބަލިކުރިއިރު، ބާސެލޯނާ އާއި ބަޔާނުން ފައިދާނަގައިފި

5 މާރިޗު 2025 - 22:32 0

ޕެރިސް (މާޗް 6) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި، ފަހު ވަގުތު ލިވަޕޫލުން 1-0 އިން ޕީއެސްޖީ ބަލިކުރިއިރު، ބާސެލޯނާ އާއި ބަޔާން މިއުނިކުން ވެސް ފުރަތަމަ ލެގު ކާމިޔާބުކޮށް ފައިދާނަގައިފި އެވެ.

އަމިއްލަ ދަނޑުގައި ބަޔާނުން 3-0 އިން ބަޔާ ލެވަކޫސަން ބަލިކުރިއިރު، ބާސެލޯނާ އިން ރަށުންބޭރުގައި ކުޅުނު މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، 1-0 އިން ވަނީ ބެންފީކާ ބަލިކޮށްފަ އެވެ.

ޕެރިހުގައި ލިވަޕޫލުން ކުޅުނު މެޗުގައި ގިނަ ވަގުުތު ބޯޅަ ހިފަހައްޓައިގެން، މެޗު ޑޮމިނޭޓްކޮށް، ޕީއެސްޖީން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެކަމަކު، އެ ބޯޅަތައް ހުއްޓުވުމުގައި ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ޕީއެސްޖީން ފޮނުވާލި ރަނގަޅު ނުވަ ޝޮޓެއް އެލިސަން މަތަކުރި އެވެ.

މި މެޗުގައި، ޕީއެސްޖީގެ ކްވިޗާ ކްރަވަޝްކޭލިއާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމިއިރު، ލިވަޕޫލްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ އެންމެ ފަހަތުގައި ހުރެފައި، ޕީއެސްޖީގެ ބްރެޑީ ބާކޮލާ އަށް ފައުލުކުރި ކަމަށް ބެލެވޭތީ، ވީއޭއާރް އިން ޔަގީންކުރުމަށް ފަހު ނިންމީ ފައުލެއް ނޫން ކަމަށެވެ.

ލިވަޕޫލް މެޗުން މޮޅުވީ، ބަދަލަކަށް ކުޅެން އަރައި، ލިބުނު ފުރަތަމަ ބޯޅައިން މެޗުގެ 87 ވަަނަ މިނިޓްގައި ހާވީ އެލިއަޓް ޖެހި ގޯލުންނެވެ. ބަދަލަަކަށް ކުޅެން އެރި ޑާވިން ނޫނޭޒް ދިން ބޯޅަ އެލިއަޓް ވަނީ ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަތުގައި ޖައްސާފައި ގޯލަށް ވައްދާލައިފަ އެވެ.

މިއީ، ޕީއެސްޖީ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު ތިން މެޗުން ލިވަޕޫލް މޮޅުވި ފުރަތަމަ ފަަހަރެވެ. މި ދެ ޓީމު އަންނަ ހަފްތާގައި ދެ ވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި ބައްދަލުކުރާނެ އެވެ.

ބެންފީކާ ދަނޑުގައި ކުޅުނު މެޗުގެ 22 ވަނަ މިނިޓްގައި ބާސެލޯނާގެ 18 އަހަރުގެ ޑިފެންޑަރު، ޕައު ކުބަރްސީ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުން ބާސެލޯނާ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގައި އޭރިއށާބޭރުން ފޮނުވާލި ޝޮޓަކުން ރަފީނިއާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނަށް ފުރަތަމަ ލަނޑު، ހެރީ ކޭން ޖަހައިދިނީ އޭރިއާތެރެއަށް އައި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ބަޔާނުން ޖަމާލް މުސިއާލާގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ލެވަކޫސަންގެ ނޯޑީ މުކިއޭލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. ލެވަކޫސަންގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ބަޔާނުން ތިން ވަނަ ގޯލު ޖެހީ، 75 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކޭން އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި، އިންޓަ މިލާނުން ވަނީ ފުރަތަމަ ލެގުގައި 2-0 އިން ފެޔަނޫޑް ބަލިކޮށްފަ އެވެ. ނޮކައުޓް ޕްލޭއޮފްގައި އޭސީ މިލާން ކަޓުވާލި ފެޔަނޫޑް ކޮޅަށް އިންޓަގެ ގޯލުތައް ޖަހައިދިނީ މާކަސް ތުރާމް އާއި ލައުޓާރޯ މާޓީނޭޒް އެވެ. މި މެޗުގައި އިންޓަ އަށް ތިން ވަނަ ގޯލެއް ޖަހަން ލިބުނު ޕެނަލްޓީން އެ ޓީމުގެ ޕިއޮޓްރޭ ޒިއެލިންސްކީ ފޮނުވާލި ބޯޅަ ކާމިޔާބެއްނުވި އެވެ.