Advertisement

ކޯސްޓްލައިނުން ދައްކަންޖެހޭ 153 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް މާފުކޮށްދޭން ފިނޭންސުން ރައީސް އޮފީހުގައި އެދިއްޖެ

6 މާރިޗު 2025 - 15:17 4

އަމަން ހަލީމް

އަމަން ހަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މި ޖޫރިމަނާ ގުޅޭ އެއްބަސްވުމަކީ ރައީސް ހައުސިން މިނިސްޓަރަކަށް ހުންނަވި ދުވަސްވަރު ސޮއިކުރި އެއްބަސްވުމެއް -- ގްރެފިކްސް: އިސްމާއިލް އިމްދާދު


ކޯސްޓްލައިނުން ދައްކަންޖެހޭ 153 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް މާފުކޮށްދޭން ފިނޭންސުން ރައީސް އޮފީހުގައި އެދިއްޖެ

6 މާރިޗު 2025 - 15:17 4

ކޯސްޓްލައިނުން ހަތަރު ރަށެއްގައި ހައުސިން ޔުނިޓު އެޅުމުގެ މުގާބިލުގައި ބ. ފިނޮޅަސް (އަމިއްލަފުށި) ގައި ލަގްޒަރީ ވިލާ އަޅަން ދިން ބިމުގެ ކުލި ނުދައްކައިގެން އަރާފައިވާ 153 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށްދޭން ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި އެދިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި ޖޫރިމަނާ މާފުކޮށްދޭން އެދި ކޯސްޓްލައިނުން ހުށަހެޅީ ސަރުކާރުން ގެންގުޅޭ "ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މައާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގެ ދަށުންނެވެ.

ކޯސްޓްލައިނުގެ މި އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ސެޕްޓެމްބަރު, 2012 ގައި ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކޯސްޓްލައިނަށް ހައުސިން ޔުނިޓުތައް އަޅަން ޖެހުނީ ދ. ކުޑަހުވަދު އާއި ލ. ފޮނަދު އާއި ލ. ގަމުގެ އިތުރުން އެހެން ރަށެއްގަ އެވެ.

ގާތްގަނޑަކަށް 12.1 މިލިއަން ޑޮލަރުގައި އަގުކުރެވުނު މި އެއްބަސްވުމުގެ ދަށުން ހައުސިން ޔުނިޓު އަޅަން ސޮއިކުރި އަނެއް ރަށަކީ ކޮބައިކަމެއް ނޭނގުނެވެ.

ހައުސިން ޔުނިޓުތައް އެޅުމުގެ ބަދަލުގައި އެ ކުންފުންފުންޏަށް ފިނޮޅަހުން 60,000 އަކަފޫޓުގެ ބިން 50 އަހަރަށް ދިނީ އެއްވެސް ކުއްޔަކާ ނުލަ އެވެ. އިތުރު 191,000 އަކަފޫޓުގެ ބިން ދިނީ ކޮންމެ އަކަފޫޓަކަށް މަހަކު އެއް ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން އަހަރަކަށް ޖެހޭ ކުއްޔަކީ 2.2 މިލިއަން ރުފިޔާ އެވެ.

ކޯސްޓްލައިނުން މާފުކޮށްދޭން އެދިފައިވަނީ މި އެއްބަސްވުމުގެ ދަށުން ބިމު ކުލި ނުދައްކައިގެން އެރި ޖޫރިމަނާއެކެވެ. މި ނޫހަށް ލިބުނު މައުލޫމާތުތަކުން ދައްކާ ގޮތުގައި ޖޫރިމަނާ މާފުކޮށްދޭން އެދުނުއިރު އެ ކުންފުނިން ވަނީ އެހައިތަނަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައިފަ އެވެ.

ސަރުކާރުން ގެންގުޅޭ އުސޫލުގައި ވެސް ޖޫރިމަނާ މާފުކޮށްދެވެން އޮންނަނީ ދައްކަން ޖެހޭ ފައިސާ ދެއްކުމުން ނޫނީ ބައިބަޔަށް ބަހާލައިގެން ދައްކަން އިންސްޓޯލްމަންޓު އެއްބަސްވުމަކަށް ގޮސްގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސުން މި ޖޫރިމަނާ މާފުކޮށްދޭން އެދި ރައީސް އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ވަނީ ބަންޑާރަ ނައިބު ލަފަޔަކަށް އެދި ހުށަހަޅާފަ އެވެ. މި ހުށަހެޅުމާ މެދު ބަންޑާރަ ނައިބުގެ އޮފީހުން ނިންމި ގޮތެއް އަދި ނޭނގެ އެވެ.

ކޯސްޓްލައިނުން މި ޖޫރިމަނާ މާފުކޮށްދޭން އެދުނުއިރު, އެ ކުންފުނިން ތަރައްގީކުރި އަމިއްލަފުށި ވަނީ 90 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ.

މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 15 ބިލިއަން ރުފިޔާ ނުލިބިވެ އެވެ. އޭގެ ތެރެއިން އެންމެ ބޯޑު އަދަދެއް ހިއްސާކުރަނީ ޓޫރިޒަމްގެ ބޭނުންތަކަަށް ދޫކޮށްފައިވާ ތަންތަނުން ލިބެން ޖެހޭ ބިމު ކުއްޔެވެ. އެ އަދަދު ހަތް ބިލިއަން ރުފިޔާއަށް އަރަ އެވެ.