4 މާރިޗު 2025 - 07:16 0
ސާއިފް ޝިޔާދު
ހއ. ދިއްދޫގައި އެއާޕޯޓު އަޅާނެކަން ރަސްމީކޮށް ރައީސް މުއިއްޒު އިއުލާނުކުރައްވަނީ. މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް
4 މާރިޗު 2025 - 07:16 0
ދެން ހއ. ދިއްދުއަށް ދާނީ އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިމުމުން, އެ އެއާޕޯޓު ހުޅުވަން މަތިންދާބޯޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 29، ގައި ވިދާޅުވެފައި އޮތަސް އެ އެއާޕޯޓާ ގުޅޭ އެއްވެސް މަސައްކަތެއް ނުހިނގާކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހާމަވެއްޖެ އެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ހާވަލުކޮށްފައިވޭތޯ ބެލުމަށާއި އެ ކޮންޓްރެކްޓްގެ އަގާއި އެހެނިހެން ތަފްސީލުތައް ހޯދުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ. އެ މައުލޫމާތުތައް ހޯދުމަށް މާލިއްޔަތު ކޮމިޓީން ސިޓީ ފޮނުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.
"ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއްވެސް ފަރާތަކާ ހަވާލު ކުރެވިފައި ނުވާ ކަމަށް ނަމަވެސް ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ 19 އެޕްރީލް 2024 ގައި ހަވާލުކުރެވިފައި ކަމަށް. އަދި މަސައްކަތް ފެށިފައި ނުވާކަން ވެސް ފާހަގަކުރައްވާފައިވޭ،" ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޖަވާބު އިއްވަމުން ކޮމިޓީގެ އިދާރީ މޭޒުން ހާމަކުރި އެވެ.
ހަމައެހެންމެ އެ މަޝްރޫއުއާ ގުޅޭ ފީސަބިލިޓީ ސްޓަޑީއެއް ވެސް ސަރުކާރުން ހަދާފައި ނުވާކަން ކޮންސްޓްރަކްޝަން މިނިސްޓްރީން މާލިއްޔަތު ކޮމިޓީގެ ސިޓީއަށް ފޮނުވި ޖަވާބުން އެނގެ އެވެ.
"ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައި ވަނީ ހއ. ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް އެ މިނިސްޓްރީން ކުރިއަށް ނުގެންދަވާ ކަމަށް،" ޓްރާންސްޕޯޓު މިނިސްޓްރީގެ ޖަވާބު އިއްވަމުން ކޮމިޓީގެ އިދާރީ މޭޒުން ބުންޏެވެ.
އެއަށްފަހު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މުސާ ވިދާޅުވީ އޭނާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދިއްދޫ އެއާޕޯޓުގެ އެގްރީމެންޓުގައި ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމަށެވެ. އޭނާ ހުށަހެޅުއްވީ އެ މައުލޫމާތު އެމްއޭސީއެލްއިން ހޯދުމަށެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެ ހުށަހެޅުމަށް ތާއީދު ކުރެއްވި ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ އޮންނަ ކޮމިޓީން އެ ހުށަހެޅުން ފާހެ ނުވެ އެވެ.
"ކަމެއް ހިނގިތޯ ބަލައިލަން ތަނަކުން ލިޔުމެއް ގެންނަން ވެސް އެއްބަސް ނުވާ ބަޔަކާ އެކު ކޮމިޓީން ކޮން ދިރާސާއެއް ކުރާކަށް،" އެ ހުށަހެޅުން ފެއިލްކޮށްލުމުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ޣަފޫރު ވިދާޅުވި އެވެ.
ޖެނުއަރީ 29، ގައި ދިއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެ ރަށުގައި އެއާޕޯޓެއް އަޅަން ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އެމްޓީސީސީއާ ބައެއް މަސައްކަތް. އަދި ބޭރުގެ ފަރާތަކާއެކީގައި ވެސް އަޅުގަނޑޫމެން ފްރޭމްވޯކް އެގްރީމެންޓެއް ސޮއި ކުރެވި ގިނަ މަސައްކަތްތަކެއް ފެށި އަމަލީ މަސައްކަތް ފެށުމާ ހަމައަށް މިދަނީ," ރައީސް ވިދާޅުވި އެވެ.
ރައީސް ދެއްވީ މި އަހަރުގެ ތެރޭގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަމެވެ. އަދި ބިން ހިއްކުން ނިމުމުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ރަންވޭ މަސައްކަތްތަކާއި އެއާޕޯޓުގެ އިމާރާތްތަކުގެ މަސައްކަތް ފެށި, ބާރު ދުވެލީގައި ގެންގޮސް ނިންމަ ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment