4 މާރިޗު 2025 - 12:31 0
ލީވާން އަލީ ނާސިރު
ދިވެހި ޖުމްހޫރީ މޭވާ (ޕެޝަން ފުރުޓް) ބާޒާރުގައި: ކިލޯއެއް ލިބެން ހުރީ 140ރ. އަށް -- ފޮޓޯ: އަދަދު
4 މާރިޗު 2025 - 12:31 0
މާލޭ ދަތުރުވެރިންގެ މާރުކޭޓަށް ރޯދަ މަސް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ދިވެހި ޖުމްހޫރީ މޭވާ (ޕެޝަން ފުރުޓް) މިއަދު ނެރެ، ކިލޯއެއް 140ރ. އަށް ވިއްކަން ފަށައިފި އެވެ.
ބާޒާރުގައި ރޯދަ މަސް ފެށުނު ފަހުން ލިބެން ހުރީ އިންޑިއާ އިން ގެނެސްފައި ހުރި ޖުމްހޫރީ މޭވާ އެވެ. ރޯދަ މަސް ފެށުނު ފަހުން މިއަދާ ހަމައަށް އިންޑިއާގެ ޖުމްހޫރީ މޭވާ ކިލޯއެއް ލިބެން ހުރީ 120ރ. އަށެވެ.
އަދަދު އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ ބާޒާރުގައި ދިވެހި ޖުމްހޫރީ މޭވާ މިއަދު ކޮންމެވެސް ވަރަކަށް ތިޔާގިވީ ލ. އަތޮޅުން ގެނައި ސްޓޮކަކާ އެކު ކަމަށެވެ.
"ލ. އަތޮޅުން މިއަދު ގެނައި ސްޓޮކެއް އެއީ. ދިވެހި ޖުމްހޫރީ މޭވާއަށް ވަރަށް ޑިމާންޑު ބޮޑު އަސްލު. އަހަރުމެންނަށް ލިބެނީ ވެސް އަގުބޮޑުކޮށް. އެހެންވެ އަގުބޮޑުކޮށް ވިއްކަން ޖެހެނީ،" އޭނާ ބުންޏެވެ.
މިދިޔަ ރޯދަ މަހު ވެސް ޖުމްހޫރީ މޭވާ ބާޒާރުން ލިބެން ވަރަށް ދަތިވެ، އަގު ވަރަށް ބޮޑަށް އުފުލުނެވެ. މިގޮތުން ކިލޯއެއްގެ އަގު 180ރ. އަށް ވެސް އަރައިގެން ދިޔަ އެވެ.
އިންޑިއާގެ ޕެޝަން ފުރުޓް ބާޒާރުގައި: ކިލޯއެއް ވިއްކަމުން ދަނީ 120ރ. އަށް -- ފޮޓޯ: އަދަދު
ބާޒާރުގައި އިއްޔެ އެންމެ ބޮޑަށް އަގު އުފުލުނު ކާށީގެ އަގު މިއަދު ވެސް ލިބެން ހުރީ 40ރ. އަށެވެ. އެކަމަކު އެސްޓީއޯއިން އިއްޔެ ވަނީ ކާށި ސްޓޮކް އާކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކާށި ކިލޯއެއް 20ރ. އަށް ވިއްކަން ފަށައިފަ އެވެ.
ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ބާވަތްތަކަށް ބަލާއިރު ކަރާ ކިލޯއެއް މިއަދު ވެސް ލިބެން ހުރީ 25ރ. އާއި 30ރ. އާ ދެމެދުގަ އެވެ. ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެން ހުރީ 20ރ. އާއި 30ރ. އަށެވެ. ތިން ފަތުގެ ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ލިބެންހުރިއިރު ލެޓިއުސް ކިލޯއެއް ލިބެން ހުރީ 70ރ. އާއި 80ރ. އާ ދެމެދު އެވެ.
ކުރުނބައެއްގެ އަގު 35ރ. އާއި 60ރ. އަށް ހުރިއިރު ގަބުޅިއެއް ލިބެން ހުރީ 30ރ. އަށެވެ. ކުރުނބާ ފުޅިއެއްގެ އަގު ހުރީ 160ރ. ގަ އެވެ.
މައިގަނޑު ގޮތެއްގައި މިއަދު ބާޒާރުގައި ތަކެތީގެ އަގު ހުރީ ގާތްގަނޑަކަށް އެއް މިންވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
ކަނޑު މަހާއި ކަންނެލި ކިލޯއެއްގެ އަގު ހުރީ 35ރ. އާއި 40ރ. އަށެވެ. އަދި މުށިމަހެއްގެ އަގު 10ރ. އަށް ހުރިއިރު ދެ މަސް 25ރ. އަށް ވެސް ވިއްކާފައިވެ އެވެ. ރޯދަ މަސް ފެށުނު ފަހުން މާރުކޭޓުގައި އެއްވެސް ގޮތަކަށް ރެހި ލިބެން ނެތްކަން ފާހަގަކުރެވެ އެވެ.
Comment