މޫސުމާހުރެ ރޭ ހުޅުލެއަށް ނުޖެއްސިގެން އީކޭގެ ބޯޓެއް ތިން ގަޑިއިރު ވައިގެތެރޭގައި

2 މާރިޗު 2025 - 09:23 0

މުހައްމަދު ޝަހްޒާން

މ

ހުޅުލެއަށް ނުޖެއްސިގެން ރޭ އީކޭ653 ދުއްވި މަގު ފެންނަ ޗާޓެއް -- ފޮޓޯ: ފްލައިޓް ރޭޑާ


މޫސުމާހުރެ ރޭ ހުޅުލެއަށް ނުޖެއްސިގެން އީކޭގެ ބޯޓެއް ތިން ގަޑިއިރު ވައިގެތެރޭގައި

2 މާރިޗު 2025 - 09:23 0

ސްރީލަންކާގެ ވެރިރަށް، ކޮލަމްބޯއިން ފުރައިގެން ރާއްޖެއަށް ރޭ ދަތުރުކުރި ފްލައިޓެއް ހުޅުލެއަށް ނުޖެއްސި ވައިގެ ތެރޭގައި ތިން ގަޑިއިރު އުދުހެން ޖެހިއްޖެ އެވެ.

ފްލައިޓްތަކުގެ މައުލޫމާތު ވަގުތުން ފެންނަން ހުންނަ ފްލައިޓް ރޭޑާ ވެބްސައިޓުން ފެންނަ ގޮތުން، ހުޅުލެއަށް ނުޖެއްސި ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހެން ޖެހުނީ އެމިރޭޓްސްގެ ފްލައިޓް އީކޭ-653 އެވެ. އެ ބޯޓު ހުޅުލެއަށް ނުޖެއްސުނީ ރާއްޖެއަށް ރޭގައި މޫސުން ގޯސްކަމުންނެވެ.

ސްރީލަންކާއިން ރާއްޖެއަށް އަންނަން ހޭދަވާ އެއް ގަޑިއިރު ހިމެނޭހެން ޖުމުލަ ހަތަރު ގަޑިއިރު ވައިގެ ތެރޭގައި ހޭދަ ކުރުމަށްފަހު އެ ފްލައިޓު ހުޅުލެއަށް ޖެއްސީ ރޭ މެންދަމު 12:05 ގަ އެވެ.

މެދުރާއްޖެ ތެރެއަށް ރޭ މޫސުން ގޯސްކަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ މި ސަރަހައްދަށް އޮރެންޖު ސަމާލު ވެސް ނެރެފަ އެެވެ. މި ސަރަހައްދަށް ރޭ ކުރި ވިއްސާރައިގައި މާލެ އާއި ކައިރި ބައެއް ރަށްރަށުގައި ފެންބޮޑުވެ މީހުންގެ މުދަލަށް ވެސް ގެއްލުންވި އެވެ.