about 17 hours 0
އަހުމަދު އާއިދު
ވައި ނުސާފު ދުވަހެއްގައި މޯލްޑިވިއަންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ ---- ފޮޓޯ: އަދަދު
about 17 hours 0
ރާއްޖޭސަރަހައްދުގެ ވައި އާދަޔާހިލާފަށް ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ވައިގެ ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިރުވައި މޫސުން ފެށުމާއެކު އިންޑިއާއިން އަންނަ ނުސާފު ވައި ރާއްޖޭގެ ސަރަހައްދަށް ޖަމާވެ ވަރަށް ބޮޑަށް ވައި ތަގައްޔަރުވެ އެވެ. މި ފަހުގެ އަހަރުތަކުގައި މިކަން އަންނަނީ ތަކުރާރުވަމުންނެވެ. އަދި ވައި ނުސާފުވާ މިންވަރު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ރާއްޖޭގެ އެހެން ބައެއް އެއާޕޯޓުތައް ވެސް ހިންގާ ސަރުކާރުގެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ސަބަބަކާހުރެ ދުރަށް ފެންނަ މިންވަރު ދަށްވެއްޖެނަމަ ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ.
މިގޮތުން އަޅަން ނިންމާފައިވާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު, ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި, އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވީއެފްއާރު (އެސްވީއެފްއާރު) އަށް ދަތުރު ކުރުމަށް އެންގުން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފުތާއިން ފެށިގެން ވީއެފްއާރު ބޭނުންކުރުން މަޑުޖައްސާލި އެވެ. މިކަމުފެ ސަބަބުން ވައިގެ ދަތުރުތަކަށް ކޮންމެވެސް ވަރެއްގެ ބުރޫއެއް އެރި އެވެ. ހާއްސަކޮށް ސީޕްލޭން ދަތުރުތަކަށެވެ.
ދުރަށް ފެންނަ މިންވަރު ފަސް ކިލޯމީޓަރަށްވުރެ ދަށަށް ދިއުމުން ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި, އެސްވީއެފްއާރުގެ ގޮތުގައި ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ކުރަމުން އަންނަ ކަމެކެވެ.
މިދިޔަ ހަފުތާ ތެރޭ ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯ މީޓަރަށްވުރެ ދަށްވި އެވެ.
ވައިގެ ސާފުކަން ހުންނަ މިންގަނޑުގެ ރީޑިންތަކާއި މެޕުތައް ފޯރުކޮށްދޭ އައިކުއޭ އެއާގެ ރެކޯޑްތައް ދައްކާ ގޮތުގައި، މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ވައިގެ ކޮލިޓީ ހުރީ ސިއްހަތަށް ގެއްލުންވާ މިންވަރުގަ އެވެ. އެވްރެޖުކޮށް ރީޑިން ހުރީ 63 އިން މަތީގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ.
Comment