2 މާރިޗު 2025 - 06:17 2
މުހައްމަދު ޝަހްޒާން
އިސްލާމީ މަރުކަޒު -- ފޮޓޯ: އަދަދު
2 މާރިޗު 2025 - 06:17 2
މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް 15 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، މިދިޔަ އަހަރު އެވަރަށް ހަރަދު ނުކުރާ ކަމާއި، ހަރަދު ކުރި މިންވަރު ވެސް ދިމާ ނުވާކަން ހާމަވެއްޖެ އެވެ.
މިސްކިތްތައް މަރާމާތު ކުރާ ފަންޑު ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ފުއްދަވައިދެއްވިކަން ހާމަކުރައްވާ، ޑިސެމްބަރު 14، 2023 ގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބަލަހައްޓަން 15 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް، އެ މިންވަރު ހަރަދުކޮށްފައި ނެތްކަން ރައީސްގެ ވާހަކަފުޅުންނާއި އިސްލާމިކް މިނިސްޓަރު ޝަހީމް ވާހަކައިން ވަނީ ހާމަވެފަ އެވެ.
ފެބްރުއަރީ 6 ގައި ރައީސް މުއިއްޒު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، "ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7.8 މިލިއަން ރުފިޔާ، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ހަރަދުކުރެވިފައި،" ކަމަށެވެ.
ފެބްރުއަރީ މެދުތެރޭގައި ބޭއްވި "އަހާ" ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ހޭދަކުރި ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވެފައި އޮތީ، އެހާތަނަށް މިސްކިތްތައް މަރާމާތު ކުރަން 19 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 މިލިއަން ރުފިޔާ އަކީ ސަރުކާރުގެ ބަޖެޓުން ކުރި ހަރަދު ކަމަށާއި، ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ މިސްކިތު ފަންޑުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު، މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލޭގައި ހުރި މިސްކިތްތައް މަރާމާތުކުރުމުގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ފާޑުކިޔުއްވާފައިވެ އެވެ.
ރާއްޖޭގައި 700 އަށް ވުރެ ގިނަ މިސްކިތް ހުރިއިރު، އެ ހުރިހާ މިސްކިތެއްގެ އާބާތުރަފިލުވައި މަރާމާތު ކުރުމަށް 200 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރު މިސްކިތްތައް މަރާމާތު ކުރަން އެންމެ 7.8 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރިއިރު، މި އަހަރަށް ކަނޑައަޅާފައި ވަނީ ކިހާ މިންވަރެއް ކަމެއް ހާމައެއް ނުކުރެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޒުއީމު
about 2 months ago
ޝަހީމުމެންނަށް ވަންޔާ އެހެންމީހުން ކުރާއަޅުކަމުންވެސް ވައްކަން ކުރާނެ
އުއްތަމަ އުސްތާޛް
about 2 months ago
މާތްﷲ ގެ ގެކޮޅުން ވެސް ވައްކަން ކުރީމާ ދެން ތި ވެރިކަމުގައި ލައްވާނީ ކޮން ބަރަކާތެއް؟
Comment