3 މާރިޗު 2025 - 10:45 1
މުހައްމަދު ޝަހްޒާން
ޕީއެންސީގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު: އޭނާ ވަކިކުރި ދެ ކޮމިޓީއަކީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
3 މާރިޗު 2025 - 10:45 1
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަށް ނިންމުމާ ގުޅިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރަކާތްތަކުން އެކަހެރި ކޮށްފައިވާ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކޮށްފި އެވެ.
"އަދަދު" ނޫހަށް އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން އަޒާނު ވަކިކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ދެ ކޮމިޓީން އަޒާން ވަކި ކުރުމަށްފަހު ޕީއެންސީގެ ފަރާތުން އަޒާން ހަމަޖައްސާފައި ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށައި ޕެޓިޝަން ކޮމިޓީއަށެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ.
ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެއްދެވުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެވަޑައިގެންފަ އެވެ. އެގޮތުން ބިލު ފާސްކުރަން ވޯޓު ނެގި ގަޑީގައި އަޒާން ވަނީ މަޖިލިހުގެ ތަޅުން ދޫކޮށް ވަޑައިގެންފަ އެވެ.
ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް އަންގާރަ ދުވަހު މެސެޖެއް ވެސް ފޮނުއްވާފަ އެވެ. އޭގެ ފަހުން އަޒާން އެ ގްރޫޕުން ބޭރުކޮށްލި އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެ ދުވަހު ރަސްމީ ދަތުރެއްގައި ދ. އަތޮޅުގައި ހުންނެވި ރައީސް މުއިއްޒު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.
މިއީ ވަޓްސްއެޕް ގްރޫޕުން ބޭރުކުރުމަށް ފަހު އަޒާނާ ދެކޮޅަށް ޕީއެންސީން އެޅި ފުރަތަމަ ފިޔަވަޅެވެ. ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ނަމުގައި ވެސް އޭނާއާ ދެކޮޅަށް ބަޔާނެއް ނެރުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅު ހެއްދެވި ނަމަވެސް އޭނާ ދެމި ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައި ކަން އަޒާން ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ.
Comment