8 އޮކްޓޯބަރު 2025 - 14:00 2
އަހުމަދު އާއިދު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސްގެ ވެރިންގެ މާލީ ބަޔާން ހާމަކުރަން ޖެހޭ ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
8 އޮކްޓޯބަރު 2025 - 14:00 2
ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ފަދަ މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރަން ޖެހޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަޒާން މިހެން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންގެ މާލީ ބަޔާން އޮޑިޓަރު ޖެނެރަލަށް ފޮނުވުމަށް ލާޒިމުކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުންނެވެ.
"އަޅުގަނޑުމެން އެބަޖެހޭ ދައުލަތުގެ އެކިއެކި ކުންފުނިތައް. އެސްއޯއީތަކުގެ އިސްވެރިން ވެސް، އަދި ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސް، މިފަދަ އެންމެހާ މުއައްސަސާތަކުގެ އިސްވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދަން،" އަޒާން ވިދާޅުވި އެވެ.
މިހެން ވިދާޅުވެ، އަޒާން ވަނީ އެކި ސަރުކާރުތަކުގައި އެސްއޯއީ ތަކާއި ދައުލަތުގެ އެހެން އިސް މަގާމުތަކަށް އަންނަ ބޭފުޅުން ދައުރު ނިމޭއިރު ތިބެނީ މުއްސަނދިވެފައި ކަމަށް ވިދާޅުވެފަ އެވެ. މިފަދަ މިންވަރަކަށް ރާއްޖޭގައި ކޮރަޕްޝަން އާންމުވެފައި ވާއިރު ގާނޫނުތަކުން މި ކަމަށް ހައްލެއް ހޯދިފައިނުވާ ކަމަށް އަޒާން ވިދާޅުވި އެވެ.
"އޭގެ އިތުރަށް އެބޭފުޅުންގެ ޑިޕެންޑެންޓުން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް ހުށަހަޅަން ޖެހޭ. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބެސްޓު ޕްރެކްޓިސް އަކީ އެއީ،" އަޒާން ވިދާޅުވި އެވެ.
ބޮޑެތި މަގާމުތަކަށް ހަވާލުވުމުގެ ކުރިން އަނބިދަރިންގެ ނަން މައްޗަށް މުދަލާއި ފައިސާ ބަދަލުކުރުން ރާއްޖޭގައި އާންމުވެފައިވާ ކަަމަށާއި އެކަން ހުއްޓުވޭނީ މިފަދައިން ގާނޫނު ބަދަލުކޮށް ޑިޕެންޑެންޓުންގެ އަތުގައި ހުންނަ މުދަލާއި ފައިސާގެ ތަފުސީލު އާންމުވުމުން ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ވަނީ ދައުލަތުގެ ވެރިންގެ ތެރެއިން މާލީ ބަޔާން ހާމަކުރަނީ ހަމައެކަނި މަޖިލިސް މެންބަރުން ކަމަށަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާ، ވަޒީރުންނާއި ދައުލަތުގެ މުއައްސަސާތަކާއި އެހެން ތަންތަނުގެ ވެރިންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލައްވާފަ އެވެ.
ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތް ހެދުމަށް ހުށަހެޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މާލީ ބަޔާންތައް ހާމަކުރުމުގެ ހިތްވަރު މަޖިލިސް މެންބަރުންގެ ގައިގައި ހުންނާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment