11 އޮކްޓޯބަރު 2025 - 19:32 2
އަހުމަދު އާއިދު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ރައީސް މުއިއްޒު އާއެކު: އައްޑޫ ކައުންސިލްތައް ވަކިކުރުމާއި ދެކޮޅަށް ވޯޓުލުމަށް އަޒާން ވަނީ ގޮވާލައްވާފަ --- ފޮޓޯ: ޕީއެންސީ
11 އޮކްޓޯބަރު 2025 - 19:32 2
މި މަހު 25 ގައި އައްޑޫ ސިޓީގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމަށް ފެންނަ ކަމަށް ވިދާޅުވެ، ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ދެކޮޅަށް ވޯޓު ދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ރައްޔިތުންނަށް ގޮވާލައިފި އެވެ.
އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ކަމަށް ބުނެ މިފަދަ ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ.
މިކަމާ ގުޅިގެން މިރޭ އެކްސްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީންނަށް އޮތް އެންމެ ބޮޑު ބާރަކީ އަދި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ މާލެ ފިޔަވައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް އައްޑޫ ވުން ކަމަށެވެ. އަދި، މިކަން ދެމެހެއްޓުމަށް އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮތުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަކި ވަކި ކައުންސިލް ހަދާ، މިހާރު މިއޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ މި ބާރުވެރިކަން އަހަރުމެންގެ އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމެއް،" އައްޑޫ ބަހުން ކުރެއްވި ޕޯސްޓުގައި އަޒާން ލިޔުއްވާފައިވެ އެވެ.
މި ވޯޓު ނަގައި ސަބަބުތަކުގެ ތެރޭގައި އައްޑޫގެ އިދާރީ ބާރުވެރިކަން ހިތަދޫގައި އޮތުމުން ދިމާވާ ދަތިތައް ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމާ ގުޅޭ ގޮތުން އަޒާން ވިދާޅުވީ ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ހިތަދޫގައި ކުރަމުން ދިޔުމުގެ ސަބަބުން އިދާރީ ނިޒާމު ގާއިމުވެފައި އޮތް ގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކެއް ހުރިކަން ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް، ކައުންސިލްތައް ވަކިކުރުމުގެ ބަދަލުގައި އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮވެ ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ކޮށްގެން އެކަންކަން ހައްލުކުރެވޭނެކަން އަޒާން ވަނީ ފާހަގަކުރައްވައިފަ އެވެ.
މި ވޯޓު ނަގަން ސަރުކާރުން ކުއްލިއަކަށް ނިންމުމާއެކު، ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލާގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. ރައްޔިތުން އެދޭ ގޮތަށް ކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް، އަޒާން ފިޔަވައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ދަނީ އައްޑޫ ވަކިވަކި ކުރުމާ އެއްކޮޅަށް ވާހަކަ ދައްކަމުންނެވެ. އެ ވޯޓާ ދިމާކޮށް މުއިއްޒު އައްޑޫއައް ދަތުރެއް ކުރައްވަން ވެސް ވަނީ ރާވައިފަ އެވެ.
މި ވޯޓާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައި އައްޑޫ ރޫޅާލަން އުޅުއްވަނީ ރައްޔިތުންނަށް އޮޅުވައިލަން ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment