27 ފެބުރުވަރީ 2025 - 10:25 0
ލީވާން އަލީ ނާސިރު
ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ކުޅުދުއްފުށި ސިޓީގައި ހުޅުވުން -- ފޮޓޯ: ބީއެމްއެލް
27 ފެބުރުވަރީ 2025 - 10:25 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި އެ ސިޓީގައި ދެމުންދާ އޭޓީއެމްގެ ހިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.
ކުޅުދުއްފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް އެ ސިޓީގައި ފަށްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް އަދި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް އެވެ.
ބީއެމްއެލް އިން ބުނީ ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުއާމަލާތްތައް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މީގެ ފަހުން ކުރެވޭނެ ކަމަށާއި ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ވެސް ލިބޭނެ ކަމަށެވެ.
މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިން ތައާރަފްކުރާ ކޮންމެ ހިދުމަތަކާއި ގެންނަ ކޮންމެ ބަދަލަކީ އެއް މަގުސަދެއްގައި ކުރާ ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ ތަރައްގީއަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ބީއެމްއެލް އިން ކުޅުދުއްފުށި ސިޓީގައި ދެ ސަރަހައްދެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ރުފިޔާ ޖަމާ ކުރުމުގެ ހިދުމަތް ދެމުންނެވެ.
ކުޅުދުއްފުށި ސިޓީގެ އިތުރުން ބީއެމްއެލް އިން އަންނަނީ ޑޮލަރު އޭޓީއެމްގެ ހިދުމަތް އައްޑޫ ސިޓީ، މާލެ ސިޓީ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ކ. މާފުށީގައި ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓާ، 158 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.
Comment