26 ފެބުރުވަރީ 2025 - 09:42 0
ސާއިފް ޝިޔާދު
މަޖިލީހުގެ ރިޔާސަތުގައި އަބްދުއްރަހީމް އަދި ރައީސް މުއިއްޒު: މަޖިލީހުގެ ތެރެއިން ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
26 ފެބުރުވަރީ 2025 - 09:42 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ނެރެދޭން އެދުނު ވަގުތީ އަމުރުގެ އަޑުއެހުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ފާސްކުރުމަށް މަޖިލީހުން މަސައްކަތް ފަށައިފި އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މާދަމާގެ މެންދުރު 11:00 އަށެވެ. ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުންދާއިރު އެއް ގަޑިއިރުގެ ބަހުސަށް ފަހު އެ ބިލަށް ވޯޓަށް އަހާނެ އެވެ. އެހެންކަމުން، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލު އޭގެ ކުރިން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
އެ ބިލުގެ މަސައްކަތް ކޮމިޓީން ވެސް ނިންމީ އެއް ގަޑިއިރު ތެރޭގަ އެވެ. މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ކޮމިޓީން ފާސްކުރީ ޖުޑީޝަރީ ކޮމިޓީގެ އަށް މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ. ޕީއެންސީގެ މެންބަރު އަނަރާ ނައީމް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ހުށަހެޅުއްވީ ގާނޫނު އަސާސީ ބަދަލުކުރި މަަައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެވެ. އޭނާ އެދިވަޑައިގަތީ, ކޯޓުން މައްސަލަ ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމާފަ އެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިހެން ނިންމީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލަން ދައުލަތުން އެދިފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ އިއްޔެ އެވެ.
Comment