Advertisement

ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާ ކަޓައިފި، މާޒިޔާ އާއި އީގަލްސް ސެމީ އަށް

24 ފެބުރުވަރީ 2025 - 23:59 0

އަތޫފް އާތިފް

އަތޫފް އާތިފް


ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާ ކަޓައިފި، މާޒިޔާ އާއި އީގަލްސް ސެމީ އަށް

24 ފެބުރުވަރީ 2025 - 23:59 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސެމީ ފައިނަލުން ޖާގަ ހޯދިއިރު, މާޒިޔާ އަތުން ކްލަބް ވެލެންސިއާ ބަލިވުމުން އީގަލްސް އަށް ވެސް ސެމީގެ ފުރުސަތު ލިބިއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާގެ މައްޗަށް މާޒިޔާ ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗަށް ނުކުތްއިރު, މާޒިޔާގެ މައްޗަށް ކުރިހޯދާ ވެލެންސިއާ އަށް ވެސް ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު, މެޗު އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބެން އޮތީ އީގަލްސް އަށެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި އަނޫފް އަބްދުالله ޖެހި ގޯލުންނެވެ. އެކަމަކު, ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާގެ އަހުމަދު ހަމްދާން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ބޮޑުބައި ވެލެންސިއާ އިން ކޮންޓްރޯލްކޮށްގެން މާޒިޔާގެ ގޯލަށް ނުރައްކާކުރެވޭތޯ ބެލި ނަމަވެސް, މާޒިޔާގެ ކީޕަރު ޝާހިދު ވިޝާލް ވަނީ ވެލެންސިއާގެ ގިނަ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ނަތީޖާ މާޒިޔާއިން އަނބުރާލީ އަހުމަދު ހަމީޝް އަރީފް ޖެހި ގޯލުންނެވެ. މިއީ ލިބުނު ކޯނަރަކުން ހަމީޝް ޖެހި ގޯލެކެވެ.

މި މެޗުގެ 85 ވަނަ މިނިޓްގައި މާޒިޔާގެ އަހުމަދު މަލާޒް މުހައްމަދަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ވަނީ ދައްކައިފަ އެވެ.

އީގަލްސް އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މީގެ އިތުރުން މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ގްރީން އަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ 11 ވަނަ މިނިޓްގައި އިސްމާއިލް ވިޝާން އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

އޭގެ ދެ މިނިޓް ފަހުން އީގަލްސް އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޝަމްހާން އެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އީގަލްސް އަށް ޖަހައިދިނީ މުހައްމަދު އައިމަން ހަސަން އެވެ.

އީގަލްސްގެ ތިން ވަނަ ގޯލު މެޗުގެ 61 ވަނަ މިނިޓްގައި އަޝްހަމް އިބްރާހީމް މުހައްމަދު ކާމިޔާބުކޮށްދިން އިރު, މެޗުގެ 73 ވަނަ މިނެޓުގައި މުހައްމަދު ޝިޒާން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އަދި އީގަލްސް އިން ޖެހި ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ އަޝްހަމް އެވެ.

ސެމީގައި މާޒިޔާ އިން ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. އަދި އީގަލްސް އިން ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އީގަލްސް އާއި ޓީސީ އަކީ އެންމެ ފަހުން މި މުބާރާތުގެ ދެ ޗެމްޕިއަނުންނެވެ.