2 މާރިޗު 2025 - 05:56 0
އަތޫފް އާތިފް
މާޒިޔާގެ 19 އަހަރުން ދަށު ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ).-- ފޮޓޯ: އަބްދުﷲ އަބީދު
2 މާރިޗު 2025 - 05:56 0
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މާޒިޔާ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ކާމިޔާބުކުރިއިރު, މިއީ، މީގެ ހަތް އަހަރު ކުރިން އެ ކްލަބްގެ އެކަޑަމީން ފެށި މަސައްކަތުގެ ނަތީޖާކަމަށް މާޒިޔާގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިބްރާހީމް ސައީދު (ކަކާ) ބުނެފި އެވެ.
މާޒިޔާ އިން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. ފައިނަލުގައި ކްލަބް އީގަލްސްގެ މައްޗަށް މާޒިޔާ އިން ކުރިހޯދީ 6-1 ގެ ނަތީޖާ އަކުންނެވެ.
މިއީ މާޒިޔާ އިން 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، އެފްއޭއެމް އިން އެންމެ ފުރަތަމަ ބޭއްވި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް، 2011 ވަނަ އަހަރު ކާމިޔާބުކުރީ މާޒިޔާ އިންނެވެ. އޭގެ ފަހުން، ދެ ފައިނަލުގައި ކުޅެ އީގަލްސް އަތުން ބަލިވި އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ކަކާ ބުނީ، މާޒިޔާގެ މި ކާމިޔާބީގެ އަސްލަކީ ދުރު މުސްތަގުބަލަކަށް ވިސްނައި، މީގެ ހަތް އަހަރު ކުރިން އެ ކްލަބްގެ އެކަޑަމީން ފެށި މަސައްކަތް ކަމަށެވެ. އަދި މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނުނު 26 ކުޅުންތެރިންގެ ތެރެއިން 20 ކުޅުންތެރިންނަކީ އެ ކްލަބްގެ އެކަޑަމީގެ "ގްރެޖުއޭޓުން" ކަމަށް ކަކާ ފާހަގަކުރި އެވެ.
"މީގަ އަސްލު މާޒިޔާ އެކަޑަމީގެ އިންވޯލްމެންޓް ވަރަށް ބޮޑު ހާއްސަކޮށް އަޅުގަނޑު ފާހަގަ ކުރަން ބޭނުން މާޒިޔާ އެކަޑަމީގެ ކޯޗުން ހާއްސަކޮށް ޝާއްކޮ. ޝާއްކޮގެ ވަރަށް މިންނެތް މަސައްކަތްތަކެއް މީގަ ކުރެވިފަ މިހުރީ މި ކުދިން މި ހިސާބަށް ގެނައުމަށް." ކަކާ ބުންޏެވެ.
ކަކާ ބުނީ މާޒިޔާގެ މެނޭޖުމަންޓުން ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު އިސްކަމެއް މިހާރު ދެމުން އަންނަ ކަމަށެވެ. ހާއްސަކޮށް މާޒިޔާ ސީނިއާ ސްކޮޑުގައި ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިންނަށް އެ ފުރުސަތު މިހާރު އެބައޮތް ކަމަށް ކަކާ ބުންޏެވެ.
ކަކާ ބުނީ މާޒިޔާގެ ދަތުރުތަކުގައި ޒުވާން ކުޅުންތެރިން ބައިވެރިކުރުން އެއީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށް އެ ކްލަބުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރު އެ ކްލަބުން އޭއެފްސީ ޗެލެންޖާސް ލީގުގައި ވާދަކުރިއިރު, ޒުވާން ކުޅުންތެރިންނަށް އެ ފުރުސަތު ދިންކަން ކަކާ ވަނީ ފާހަގަކޮށްފަ އެވެ.
ކުރިން ކްލަބް އީގަލްސްގައި ވެސް ޔޫތު ފުޓްބޯޅައިގެ މަސައްކަތްތަކެއް ކުރި ކަކާ ވަނީ އޭނާ އަށް މި ޒިންމާ ހަވާލުކޮށް، މާޒިޔާ މެނޭޖްމަންޓުން ދިން އެއްބާރުލުން ވެސް ފާހަގަކޮށްފަ އެެވެ. އެ ގޮތުން، މާޒިޔާ ކޯޗިން ޓީމުގެ އަހުމަދު ސުޒޭރު (ކޮއްކޮ)، މުހައްމަދު ސުވެއިދު (ސްވެޓޯ) އަދި މާޒިޔާގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ) އަދި ޖެނެރަލް ސެކްރެޓަރީ، އަބްދުލް ވައްހާބު (ވައްކެ)ގެ ނަން ކަކާ ވަނީ ފާހަގަކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތުގެ ކުރިން ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ފަހު ދެ މުބާރާތް ކާމިޔާބުކުރި ކޯޗު، އަހުމަދު ނިމާދު (ނިމާ) މުބާރާތް ފެށުމުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ، އޭނާ ދެކޭގޮތުގައި، ތަށި ހޯދުމުގެ ފުރުސަތު ގާތީ މާޒިޔާ ކަމަށެވެ. ސަބަބަކީ، ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރުމަށް މާޒިޔާ އިން މިިދިޔަ އަހަރުތަކުގައި ކުރަމުން އައި މަސައްކަތް ކަމަށް ނިމާ ފާހަގަކުރި އެެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment