Advertisement

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސްގެ ކުރިމަތިލުމެއް

27 ފެބުރުވަރީ 2025 - 00:25 0

މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް


19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި މާޒިޔާ އާއި އީގަލްސްގެ ކުރިމަތިލުމެއް

27 ފެބުރުވަރީ 2025 - 00:25 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށްގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މާޒިޔާ އާއި އޮޑި ސްޕޯޓްސް ކްލަބް އޮތީ 2-2 އިން އެެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، މާޒިޔާ އިން މޮޅުވީ، 6-5 އިންނެވެ.

ދެ ވަނަ ސެމީ ފައިނަލުގައި، މިރޭ އީގަލްސް އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެފަ އެވެ.

މާޒިޔާގެ މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން އެ ޓީމުން ލީޑުނަގާފައިވަނިކޮށް އޮޑިން ވަނީ ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، މިދިޔަ އަހަރު 20 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކި އަހުޒަމް ރަޝީދު (އަހު) އެވެ. އަހު އެއް ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަަސައްކަތުގައި މާޒިޔާގެ ލަނޑު ޖެހީ އިލާން އެވެ.

ޕެނަލްޓީގައި ތަފާތު ދައްކައި، މާޒިޔާ އިން ފައިނަލުގެ ޖާގައެއް ހޯދީ އެވެ.


މެޗަކުން ބަލިނުވެ އެންމެ ފަހުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ޓީސީން މި ފަހަރުގެ ސެމީ އަށް ދިޔައީ ވެސް މެޗަކުން ބަލިނުވެ އެވެ.

އެކަމަކު، އީގަލްސް އިން ވަނީ ރަނގަޅު ކުޅުމެއް މުޅި މެޗަށް ބަލާއިރު ވެސް ދައްކައި، ކާމިޔާބު ހޯދައިފަ އެވެ. އީގަލްސްގެ ދެ ގޯލު ވެސް ޖެހީ، 20 އަހަރުން ދަށުގެ ގައުމީ ޓީމަށް މިދިޔަ އަހަރު ކުޅުނު، މުހައްމަދު ޝަމްހާން (ޝަމްބެ) އެވެ. އޭނާ ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފެށި މެޗުގައި މާޒިޔާ އިން ވަނީ 3-1 އިން އީގަލްސް ބަލިކޮށްފަ އެވެ. މި ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ. އީގަލްސް އިން ވަނީ 2022 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.