މިދިޔަ ހަފްތާގައި ކުރި މަސައްކަތްތައް ރިޕޯޓު ނުކުރާ ސަރުކާރު މުވައްޒަފުން ވަޒިފާއިން ވަކިވާނެ ކަމަށް މަސްކު އަންގައިފި

23 ފެބުރުވަރީ 2025 - 07:31 0


މިދިޔަ ހަފްތާގައި ކުރި މަސައްކަތްތައް ރިޕޯޓު ނުކުރާ ސަރުކާރު މުވައްޒަފުން ވަޒިފާއިން ވަކިވާނެ ކަމަށް މަސްކު އަންގައިފި

23 ފެބުރުވަރީ 2025 - 07:31 0

ނިމިގެންދިޔަ ހަފްތާގައި ކުރި މަސައްކަތްތަކާ ގުޅޭ ތަފްސީލު ރިޕޯޓެއް ނުފޮނުވާ ހުރިހާ މުވައްޒަފުން އެ މީހުން ތިބި ސަރުކާރުގެ ވަޒީފާތަކުން ވަކިވާނެ ކަމަށް ޓްރަމްޕް ސަރުކާރުން އުފެއްދި ޑިޕާޓްމަންޓު އޮފް ގަވަމަންޓު އެފިޝަންސީ (ޑޯޖު)ގެ ވެރިޔަކަށް ހުރި ބިލިއަނުރު އިލޮން މަސްކު އަންގައިފި އެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ސަރުކާރުން ވަނީ ހުރިހާ ސަރުކާރު މުވައްޒަފުންނަށް އީމެއިލް މެދުވެރިކޮށް މިދިޔަ ހަފްތާ ކުރި މަސައްކަތްތައް ރިޕޯޓު ކުރަން އަންގާފަ އެވެ. އެ އީމެއިލަށް ރިޕްލައި ނުކުރާ މީހުން އެ މީހުން ތިބި ވަޒީފާއިން ވަކިވާނެ ކަމަށް މަސްކު ވަނީ އެކްސްގައި ހާމަކޮށްފަ އެވެ.

މަސްކު އެހެން ބުނި ނަމަވެސް އޭނާގެ ދަށުން ހިންގަމުންދާ ޑޯޖަށް ސަރުކާރު މުވައްޒަފުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތްކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ސަރުކާރު މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ޔޫނިއަނުން ވަނީ އެގޮތަށް ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމަށް ސަރުކާރު މުވައްޒަފުންގެ އަދަދު މަދުކުރުމަށް މަސްކުއާ ހަވާލުކޮށްގެން ޓްރަމްޕު ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެމެރިކާގެ ގިނަ އާންމުންގެ ކަންބޮޑުވުންތައް އޮތީ އެއާއެކު އެތައް ހިދުމަތެއް ހުއްޓެމުންދާތީ އެވެ.