22 ފެބުރުވަރީ 2025 - 06:19 0
އަތޫފް އާތިފް
ކާށިދޫ ޓީމަށް ފައިނަލުގެ ޖާގަ ހޯދައިދޭން މުހިންމު ދެ ގޯލު ޖެހި ރަޔާން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
22 ފެބުރުވަރީ 2025 - 06:19 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގެ ދެ ވަނަ ޖާގަ ގދ. ވާދޫ ބަލިކޮށް ކ. ކާށިދޫ އިން ހޯދައިފި އެވެ.
ކާށިދޫ އިން ވާދޫގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާ އަކުންނެވެ.
މިއީ، ކާށިދޫ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ފައިނަލުގައި ކާށިދޫއާ ދެކޮޅަށް ނުކުންނަ ހދ. ނައިވާދޫ ވެސް ފައިނަލުން ޖާގަ ހޯދި މިއީ ފުރަތަމަ ފަހަރެވެ.
ރޭ ކުޅުނު ސެމީ ފައިނަލު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ވާދޫ އިން ގޯލު ޖަހައި ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ނަޝާހް އަހުމަދު (ނައްޓު) އެވެ. އެކަމަކު، މެޗުގެ 13 ވަނަ މިނިޓްގައި ކާށިދޫ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ، ވާދޫގެ ކެޕްޓަން، އަޔާޒް އަހުމަދު (އަޔާ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 34 ވަނަ މިނިޓްގައި ކާށިދޫގެ އަޖުލާން އަބްދުލް ހަންނާން ވަނީ ގޯލު ޖަހައި ކާށިދޫ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެކަމަކު، ކާށިދޫ އިން ގޯލު ޖެހިތާ މިނިޓެއްގެ ތެރޭގައި ވާދޫގެ ނައްޓު ވަނީ ގޯލު ޖަހާ އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ކައިރިކައިރީގައި ކާށިދޫގެ އިސްމާއިލް ރަޔާން ދެ ގޯލު ޖަހައި ކާށިދޫ ކޮޅަށް އަލުން ނަތީޖާ އަނބުރާލި އެވެ. އޭގެ ފަހުން ކާށިދޫގެ ފަސް ފައުލު ހަމަވެގެން ވާދޫއަށް ދުރު ޕެނަލްޓީ އެއް ވަނީ ލިބިފަ އެވެ. މި ޕެނަލްޓީ ވާދޫގެ މުހައްމަދު ނާއިލް ފޮނުވާލިއިރު, ކާށިދޫގެ މުހައްމަދު ސަލީލް ވަނީ ދިފާއު ކޮށްފަ އެވެ.
މި މެޗުގެ ފަހު މިނިޓްގައި ވާދޫ އަށް އިތުރު މައްސަލައަކާ ކުރިމަތިވީ ނައްޓު އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
ކާށިދޫ އަށް މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، ކ. އަތޮޅުގެ ފައިނަލުގައި މާފުށި އަތުން ބަލިވިއިރު، ޒޯން ތިނެއްގެ ފައިނަލުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، ބ. އޭދަފުށި އަތުން ބަލިވެފަ އެވެ. އެކަމަކު، ކާށިދޫން ވަނީ، ކ. އަތޮޅު ފައިނަލުގައި، އެ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، ކ. ގާފަރު، ގަދަ 16 ބުރުގައި، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުށި، ކުއާޓާ ފައިނަލުގައި، މާލެ ޒޯންގެ ޗެމްޕިއަން، އަދި މި ދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ، ވިލިމާލެ ބަލިކޮށްފަ އެވެ. އަދި، ސެމީގައި، 2023 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު ވާދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ހުރިހާ މެޗަކުން ވެސް ކާށިދޫ މޮޅުވީ ފަހަތުން އރަ އެވެ.
ކާށިދޫ އިން ފައިނަލުގައި ހދ. ނައިވާދޫއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭގަ ވެ.
Comment