22 ފެބުރުވަރީ 2025 - 06:26 0
އަތޫފް އާތިފް
22 ފެބުރުވަރީ 2025 - 06:26 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުގައި ލ. ގަން ބަލިކޮށް ހދ. ނައިވާދޫ އިން ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ނައިވާދޫ އިން ލ. ގަން ބަލިކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން 10 ވަނަ މިނިޓްގައި ނައިވާދޫ އަށް ލީޑު ނަގައިދިނީ މުހައްމަދު ޝާއިން ޖެހި ގޯލުންނެވެ. މިއީ، ލިބުނު ހިލޭ ޖެހުމަކުން ޝާއިން ކާމިޔާބުކުރި ގޯލެކެވެ.
އެކަމަކު އޭގެ ހަ މިނިޓް ފަހުން ގަމުން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަހުމަދު ހަލީމް (އައްމަޑޭ) އެވެ.
ގަމުން ގޯލު ޖެހުމާ އެކު ނައިވާދޫ ޓީމުން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އެކަމަކު ނައިވާދޫގެ ހަމަލާތައް ދިފާއުކުރުމުގައި ގަމުގެ އަބްދުالله ޖުނައިދު (ޖެންނޭ) ތަފާތު މޮޅަށް ކުޅުނެވެ.
ނައިވާދޫ އިން ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގެ ފަސް ވަނަ މިނިޓްގައި އަހުމަދު ހަމީދު (އައްމަޑޭ) ޖެހި ގޯލުންނެވެ. އަދި ނައިވާދޫގެ ލީޑު ފުޅާކޮށްދިނީ މެޗުގެ ފަހު މިނިޓްގައި ޝާއިން ޖެހި ގޯލުންނެވެ.
ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫން މި ފަހަރު އަތޮޅު ތަށި ދިފާއުކުރުމުގެ އިތުރުން، އަލުން ޒޯން އެކެއްގެ ތަށި ވެސް ހޯދި އެވެ. މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދިއުމުގައި ދަތިތަކެއް ކުރިމަތިލި، ނައިވާދޫން މި ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ފައިނަލަށް ދަތުރުކޮށްފަ އެވެ. ހާއްސަކޮށް، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާއާ ހެދި ނުކުޅެވުނު ދަނޑިވަޅުގައި ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ފައިނަލަށް ދިޔައީ އެވެ.
މިދިޔަ އަހަރުގެ ފައިނަލަށް ތަށި ދިފާއުކުރަން ނުކުމެ، ބަލިވި ގަމުން ޖެހިޖެހިގެން ތިން ފައިނަލު ކުޅުމުގެ އުންމީދުތައް ގެއްލިގެންދިޔައިރު، މި ފަހަރުގެ ގޯލްޑަންގައި އެ ޓީމުން ފެށީ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްގެންނެވެ. އެކަމަކު، މުބާރާތުގައި ގަން ވަނީ ލ. އަތޮޅުގެ ފައިނަލާއި ޒޯން ހައެއްގެ ފައިނަލުން ބަލިވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ނައިވާދޫ އިން ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. ފައިނަލުގައި އަންނަ އަންގާރަ ދުވަހުރޭ ނައިވާދޫ އިން ނުކުންނާނީ ކ. ކާށިދޫއާ ދެކޮޅަށެވެ.
Comment