21 ފެބުރުވަރީ 2025 - 07:18 0
އަތޫފް އާތިފް
ގަމުގެ ގޯލްކީޕަރު ހުޝާމް ޕެނަލްޓީ ޖަހައިގެން މޮޅުވުމުން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
21 ފެބުރުވަރީ 2025 - 07:18 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުން ލ. ގަން ޖާގަ ހޯދީ މި މުބާރާތުގެ އަތޮޅު ބުރު އަދި ޒޯން ބުރުން ދަސްވި ފިލާވަޅުތަކަށް ބަލައި އިތުރު ހިތްވަރެއްލައިގެން ކުރި މަސައްކަތުން ކަމަށް އެ ޓީމު ސެމީ ފައިނަލަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު އަހުމަދު ހުޝާމް (ގުންޒާލޯ) ބުނެފި އެވެ.
މިއީ ވިދިވިދިގެން ސެމީ ފައިނަލުގައި ލ. ގަމުން ކުޅޭނެ ތިންވަނަ ފަހަރެވެ. މީގެ ކުރިން 2023 އަދި 2024 ވަނަ އަހަރު ވެސް ގަމުން ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އަދި މި ދެ ފަހަރުވެސް އެ ޓީމުން ވަނީ ފައިނަލުގައި ކުޅެފަ އެވެ. އޭގެ ތެރެއިން 2023 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ލ. ގަމުންނެވެ.
އެހެންވެ, މި ފަހަރުގެ ފައިނަލަށް ލ. ގަމުން ނުކުންނާނީ ވިދިވިދިގެން ތިންވަނަ ފަހަރަށް ފައިނަލަށް ދިޔުމުގެ އަޒުމުގަ އެވެ.
ހުޝާމް ބުނީ ސެމީ ފައިނަލަށް ގަމުން ދިޔައީ މުޅި ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި މުބާރާތް ފަށައިގެން އަތޮޅު ބުރާއި, ޒޯން ބުރުގައި ޓީމަށް ލިބުނީ ނާކާމިޔާބީ ކަމަށާއި, އެކަމަކު އެކަން ބަދަލުކޮށް ޓީމު އެންމެން ވެސް ބޭނުންވީ އަސްލު ލ. ގަން ސަޕޯޓަރުންނަށް ދައްކާލަން ކަމަށެވެ.
"ފުރަތަމަ ހިރިލަންދޫ މެޗުގައި ތަންކޮޅެއް ދައްކޮށް ޓީމު ދިޔައީ, ދެން އަނެއްކާ ޒޯން ފައިނަލުގައި ވެސް ޓީމު ހަމަ ދަށްކޮށް ދިޔައީ, ދެން ހަމަ އެންމެން ޕްރެކްޓިސްއަށް ގޮސް އެކެއްޗެއް ކިޔައިގެން މީތި ހިއްލާލަން ބޭނުންވީ. އަސްލު ލ. ގަން ދައްކާލަން ބޭނުންވީ." ހުޝާމް ބުންޏެވެ.
ސެމީ ފައިނަލަށް ގަން ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ހުޝާމް އެވެ.
އެ ގޮތުން، ގަދަ 16 ގައި ރ. އިނގުރައިދޫ އަތުން ޕެނަލްޓީގައި ކުރި ހޯދީ ހުޝާމް ކުރި ސޭވްތަކުންނެވެ. އަދި، ކުއާޓާ ފައިނަލުގައި ބ. އޭދަފުށި ބަލިކުރި އިރުވެސް ގޮންޒާލޯ ވަނީ ޕެނަލްޓީގައި ސޭވްތަކެއް ކޮށްފަ އެވެ.
ހުޝާމް ބުނީ މިހާރު މި އޮތް ކިކުގައި މުޅި ޓީމުންވެސް ބޭނުންވަނީ ފައިނަލަށް ގޮސް ތަށި ނަގަން ކަމަށެވެ.
ސެމީ ފައިނަލުގައި ގަމުން މިރޭ ކުޅޭނީ ނައިވާދޫއާ އެވެ.
Comment