19 ފެބުރުވަރީ 2025 - 12:49 3
އަހުމަދު އާއިދު
ކުރީގެ މިނިސްޓަރު މަލީހު ޖަމާލް : އޭނާ އާއެކު ބިން ބައްލަވައިގަތީ ކުރީގެ ނައިބު ރައީސް ޖަމީލުގެ ދަރިން --- ފޮޓޯ: އަދަދު
19 ފެބުރުވަރީ 2025 - 12:49 3
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަށް މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.
ސިވިލް ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަލީހު ބައްލަވާގެންފައިވަނީ މއ. ޖަނާން ނަމަކަށް ކިޔާ ގޯއްޗާއި އެތަނުގައި ހުރި އިމާރާތެވެ. އެ ބިމުގެ ބޮޑުމިނަކީ ޖުމްލަ 1066.55 އަކަފޫޓެވެ.
މި ބިން ގަތީ މަލީހުގެ އިތުރުން އޭނާ ދެބެންގެ ދެދަރި، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލުގެ ދަރިންގެ ނަމުގަ އެވެ. ޖަމީލުގެ ތިން ދަރިން ވެސް ބިން ގަތުމުގެ މުއާމަލާތުގައި ބައިވެރިވިކަން ކޯޓުގެ ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނީ މާލޭގެ މެދުތެރެއިން މަލީހު އާއި ޖަމީލުގެ ދަރިން ބިން ގަތީ ޖުމްލަ 8،000،000ރ. އަށް ކަމަށެވެ. އެ ފައިސާ މިހާރު ވަނީ ގޯތީގެ ކުރީގެ ވެރިޔާއަށް ދައްކައި ހަލާސްކޮށްފަ އެވެ.
މަލީހު ވިދާޅުވީ ބިން ގަތީ އާއިލީ އިންވެސްޓުމެންޓެއްގެ ގޮތުގައި ކަމަށެވެ.
މަލީހު އަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވަޒީރެކެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިކުރުމާއެކު ޖަމީލު އާއެކު ފެނިގެންދިޔައީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި ވެސް އުޅުއްވި އެވެ.
ނަމަވެސް ވެރިކަަމަށް ހަފުތާއެއް ނުވަނީސް ޕީއެންސީ ކޯލިޝަނުން ފެޔަށް ޖެހުނު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަލީހު އަދި ޖަމީލު ވެސް މިހާރު ތިއްބެވީ މި ސަރުކާރާ ދެކޮޅަށެވެ. ޔާމީނުގެ އާ ޕާޓީ ޕީއެންއެފްގެ އިސް ސަފުގައި މި ދެ ބޭފުޅުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
Comment