18 ފެބުރުވަރީ 2025 - 15:35 0
މުހައްމަދު ޝަހްޒާން
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު؛ މިދިޔަ އަހަރުގެ ތަފާސް ހިސާބުން ދައްކާގޮތުން މީޑިއާ ކައުންސިލަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ ރައީސް އޮފީހުން -- ފޮޓޯ: ރައީސް އޮފީސް
18 ފެބުރުވަރީ 2025 - 15:35 0
ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާ ގުޅިގެން ކުއްލި ކެބިނެޓު ބައްދަލުވުމެއް ނުބާއްވާ ކަމަށާއި އެފަދަ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ "އަދަދު" އިން ޝާއިއު ކޮށްފައިވާ ހަބަރުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހީނާ ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކުއްލި ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ މި ނޫހުން ޝާއިއު ކުރީ ދޮގު ހަބަރެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓު ބައްދަލުވުމެއް މި ސުރުހީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް، އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭވެ ކަމެއް ނޫން،" ހީނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ އެ ހަބަރު މި ނޫހުގައި ޝާއިއު ކުރި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ.
ހީނާ އެހެން ވިދާޅުވި ނަމަވެސް މިއަދު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވިކަން "އަދަދު" ނޫހަށް ވަނީ ވަރަށް މުއުތަބަރުކޮށް ކަށަވަރުވެފަ އެވެ. އާންމު އުސޫލުގެ ދަށުން ކެބިނެޓު ބައްދަލުވުން ބާއްވަނީ އާދީއްތަ ދުވަހު އެވެ.
ނަމަވެސް މިއަދު ކުއްލިއަކަށް ބޭއްވި ކެބިނެޓު ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު ބާއްވަން ތާވަލުކޮށްފައި އޮތް ފަރިއްކޮޅު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންސަލް ކުރެއްވި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީއަކަށް ގެއްލުވައިލެވޭ ގޮތަށް ގެނައި ބަދަލަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް ނެގޭ ގޮތަށް ގެނައި ބަދަލެކެވެ.
ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހު މުޅި ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމަށް ބުނެ އެ އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، އަލީ ހުސެއިން ހުށަހެއްޅުއްވި މައްސަލައެކެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ސުޕްރީމް ކޯޓުގައި ފެށިއިރު ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އެދުނީ ވެސް އެގޮތަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން ކަނޑައެޅީ އެފަދަ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. މައްސަލައަށް ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދައުލަތަށް ވަނީ އަރުވާފަ އެވެ.
Comment