18 ފެބުރުވަރީ 2025 - 02:58 0
18 ފެބުރުވަރީ 2025 - 02:58 0
ބާސެލޯނާ (ފެބްރުއަރީ 18) - ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 1-0 އިން މޮޅުވެ، ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ ޕޮއިންޓް އެއްވަރަށް ލިބިފަ އެވެ. ބާސެލޯނާ އާއި ރެއާލަށް ވެސް 25 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. އެކަމަކު، ހެޑް ޓު ހެޑްގެ ތަފާތުން ކުރި ލިބޭތީ، ބާސެލޯނާ އަށް މި ވަނީ ޑިސެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް އެއް ވަނަ ލިބިފަ އެވެ. ބާސެލޯނާ އަށް މި ފުރުސަތު ލިބުނީ، މި ހަފްތާގައި ރެއާލް އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން އެއްވަރުވުމުންނެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، ޕެނަލްޓީ އަކުން ރޮބަޓް ލެވަންޑޯސްކީ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ލެވަންޑޯސްކީ ކާމިޔާބުކުރި މި ޕެނަލްޓީ ދޭން ނިންމީ، ވަޔެކާނޯގެ ޕާތު ސިސް އޭރިއާތެރެއިން، ބާސެލޯނާގެ އިނީގޯ މާޓިނޭޒް އަށް ފައުލުކުރި ކަމަށް ބަލައިފަ އެވެ.
މިއީ، ލީގުގައި މި ފަހަރު ލެވަންޑޯސްކީގެ 20 ވަނަ ގޯލެވެ. އަދި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާގެ 32 ވަނަ ގޯލެވެ.
ވަޔެކާނޯ އަށް ޖޯޖް ޑެ ފްރޫޓޯސް ވަނީ ލަނޑެއް ޖަހައި، އެއްވަރުކޮށްދީފަ އެވެ. އެކަަމަކު، އެ ޓީމުގެ މި ގޯލު އޮފްސައިޑް ކަމަށް ނިންމީ، ވަޔެކާނޯގެ ފޯވާޑް، ރޭންޑީ އެންޓޭކާ، އޮފްސައިޑްގައި ހުރެ އެޓޭކުގައި ބައިވެރިވުމުންނެވެ.
ދެ ވަނަ ގޯލެއް ޖަހައި، ލީޑުފުޅާކުރަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އިތުރު ވަގުތުގެ ތެރޭގައި، ވަޔެކާނޯގެ ފްރޫޓޯސް ބޮލުން ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment