މެޑްރިޑް (ޑިސެމްބަރު 15) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ޑިޕޯޓިވޯ އަަލަވޭސް 2-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ހަަަމަޖެހުމެއް ހޯދައިފި އެެވެ.
ރޭގެ މެޗުން ރެއާލަށް މޮޅެއް ނުލިބުނުނަމަ، އެ ޓީމުގެ ކޯޗުގެ މަގާމުން ޒަބީ އަލޮންސޯ ވަކިކުރާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އޭނާ ވަނީ އެކަމުގައި ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އަލަވޭސް އިން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އަމިއްލަ ދަނޑުގައި ރެއާލް ބަލިކޮށްފަ އެވެ.
މި މެޗުން މޮޅުވެ، ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން އޮތީ 17 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 17 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.
ރެއާލުން މި މެޗުގެ 24 ވަނަ މިނިޓްގައި ލީޑުނެގީ ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ، މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އެމްބާޕޭ، ލީގުގައި ޖެހި 17 ވަނަ ގޯލެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރެއާލަށް ބަދަލުވި އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް 70 ގޯލު ޖަހައިދީފަ އެވެ.
މެޗުގެ 68 ވަނަ މިނިޓްގައި ކާލޯސް ވިސެންޓޭ ވަނީ އަލަވޭސް އަށް އެއްވަރުކޮށްދީފަ އެވެ. އެންޓޯނިއޯ ބްލާންކޯ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ވިސެންޓޭ ވަނީ ހަަމަޖެހިލައިފައި ރެއާލްގެ ކީޕަރު ތިބޯ ކޯޓޫއާ ކައިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރެއާލް، މި މެޗުން މޮޅުކޮށްދިން ލަނޑު 76 ވަނަ މިނިޓްގައި ޖެހީ ރޮޑްރީގޯ އެވެ. މިއީ، ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ރޮޑްރީގޯ ޖެހި ގޯލެކެވެ.
Comment