18 ފެބުރުވަރީ 2025 - 07:33 0
ގަދަ 16 ބުރުގެ މެޗުގެ ތެރެއިން އިންމަ އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
18 ފެބުރުވަރީ 2025 - 07:33 0
ގޯލްޑަން ފުޓްސަލްގައި މިދިޔަ ދެ އަހަަރަށް ބަލާއިރު ވެސް، އއ. މަތިވެރީގެ ކޯޗު، މުހައްމަދު ނައުފަލް، ޓީމަށް ނަތީޖާ ނެރުމުގެ ޕްރެޝަރު އެންމެ ބޮޑުވާ ވަގުތުގައި، ރިސްކު ނެގުމަށް ފަހު، ޕަވާޕްލޭގެ ބޭނުންހިފައި، ކީޕަރު، މުހައްމަދު އިމްރާން (އިންމަ) ކުޅެން ނެރެ އެވެ. މިދިޔަ، އަހަރުގެ ކުއާޓާ ފައިނަލުގައި، ލ. ގަން ކޮޅަށް ވެސް އެ ގޮތަށް އިންމަ މުހިންމު ގޯލެއް ޖެހިއިރު، އެކަން މި ފަހަރުގެ ގަދަ 16 ބުރުގައި ދ. ކުޑަހުވަދޫ ކޮޅަށް ލަނޑު ޖަހައިގެން ތަކުރާރުކުރި އެވެ.
ގަދަ 16 ބުރުގައި، މަތިވެރި 3-1 އިން ބަލިވެފައި އޮއްވައި، އިންމަ ކުޅެން ނުކުމެ، އެ ޓީމަށް ގޯލެއް ޖަހައިދިނެވެ. އަދި، ދެން، 3-3 އިން އެއްވަރުކުރަން ޓީމުގެ އެޓޭކުގެ ބައިވެރިއެއްގެ ގޮތުގައި، ގޯލު ބަަލަހައްޓަމުން ކުރިއަށް ޖެހިގެން މުހިންމު ރޯލެއް ކުޅުނެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޓީމުގެ ފަހު ޕެނަލްޓީ ޖެހީ ވެސް އިންމަ އެވެ.
"މި ފުރުސަތުގައި ކޯޗަށް ހާއްސަ ޝުކުރެއް ދަންނަވާލަން. ކޯޗުގެ ޕްލޭން މި އިންނަނީ އެހެން ކޯޗުންނާ ވަރަށް އާދަޔާހިލާފަށް. ކޯޗު އެ ބުނާގޮތް ހަދައިގެން ޕްރެކްޓިހުގައި ބައިވެރިއެއްނުވެވޭ، އެކަމަކު ވެސް އަރުވައިފިއްޔާ މި ދެނީ 100، އިންމަ، އަށް ވެސް ޕްރެކްޓިހުގައި ބައިވެރިވެގެން މި ޓީމަށް އަރާކަމަށްވާނަމަ މި އަށް ވުރެ މާ ބޮޑު ތަފާތެއް އިރާދަކުރެއްވިއްޔާ ދައްކާނަން ފެންނަން ވެސް ފެންނާނެ،" ކުޑަހުވަދޫ އަތުން މޮޅުވި މެޗަށް ފަހު އިންމަ ބުންޏެވެ.
އިންމަ (ކ) އާއި ބޯވަ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އިންމަގެ ތަޖުރިބާ އާއި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިއުމަށް އޭނާ ކުރާ މަސައްކަތް މަތިވެރީގެ އެންމެން ފާހަގަކުރެ އެެވެ. މަތިވެރީގެ ކާމިޔާބީއެއްގައި ކިތަންމެ ކުޑަ ރޯލެއް އޭނާ އަށް އަދާކުރެވުނަސް، އެންމެ ބޮޑަށް ހިތްހަމަޖެހިފައި ހުންނަނީ އިންމަ އެވެ.
"ވަރަށް އުފާވޭ، ވަރަށް ހިތްހަަމަޖެހޭ، އިރާދަކުރެއްވިއްޔާ މިދިޔަ އަހަރުގެ ޕޮޒިޝަނާ ހަމައަށް ދެވިއްޖެ، އަދިވެސް ބޭނުންވަނީ އެއް ސްޓެޕް ކުރިއަށްޖެހިލަން،" ޖެހިޖެހިގެން ދެ ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށް އިޝާރާތްކޮށް، އިންމަ ބުންޏެވެ.
ބެންޗުގައި އިންނަން ޖެހުނު ކަމުގައި ވިޔަސް، އަބަދުވެސް އިންނަނީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ޓީމަށް އެހީވާން ތައްޔާރަށް ކަމަށް އިންމަ ވަނީ ބުނެފަ އެވެ.
"ކޯޗު، އިންމަ ބޭނުންކުރާ ގަޑީގައި، އިންމަގެ ބެސްޓް ދެން، އަބަދު ވެސް ސިކުނޑީގައި އިނދޭ އަރުވައިފިއްޔާ ސަތޭކަ ދޭނަމޭ، ޓީމަށް ފައިދާވާނެ ރަނގަޅު ކަމެއް ކުރާނަމޭ، މިރޭ ވެސް މެޗު ފެށުމުގެ ކުރިން، ކޯޗު އެހެން ބުނެފައި އިނީމަ، ކިތަންމެ ބޮޑު ލީޑެއް އިނަސް، އިންމަ އަރައިފިއްޔާ އެތަން ދައްކާނަމޭ، އަލްހަމްދުލިއްލާހި އެކަން ހާސިލްވެއްޖެ،" އިންމަ ބުންޏެވެ.
"އުންމީދަކީ އަދި އެއް ސްޓެޕް ކުރިއަށް ޖެހިލައިފިއްޔާ، އިރާދަކުރެއްވިއްޔާ މަތިވެރި ޓީމު މި ފަހަރު ފައިނަލުގައި ކުޅޭނެއޭ،"
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި ފަހަރުގެ ގަދަ އަށް ޓީމުގެ މެދުގައި ކުޅޭ ކުއާޓާ ފައިނަލް ހަތަރު މެޗު އޮންނާނީ މިރެ އެވެ. އެ ގޮތުން، މަތިވެރި އާއި ގދ. ވާދޫ ކުޅޭ މެޗު ފަށާނީ، މިރޭ 21:40 ގަ އެވެ.
Comment