Advertisement

ވޭޕް ގެންދޭތޯ ބަލަން އިމާދުއްދީން ސްކޫލުގައި މެޓަލް ޑިޓެކްޓާ ހަރުކުރާނަން: ޕްރިންސިޕަލް

18 ފެބުރުވަރީ 2025 - 08:57 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއިލް އިމްދާދު


ވޭޕް ގެންދޭތޯ ބަލަން އިމާދުއްދީން ސްކޫލުގައި މެޓަލް ޑިޓެކްޓާ ހަރުކުރާނަން: ޕްރިންސިޕަލް

18 ފެބުރުވަރީ 2025 - 08:57 3

ދަރިވަރުން ވޭޕް ގެންދޭތޯ ބަލަން އިމާދުއްދީން ސްކޫލްގައި މެޓަލް ޑިޓެކްޓާ ހަރުކުރާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަލީ މަމްދޫހް ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ނިކޮޓިން އެޑިކްޝަން ރިސާޗް އެންޑް ކޮލަބޮރޭޓިން ސެންޓާ (އެންއޭއާރްސީސީ) އިން ރާއްޖެއަށް ޒިޔާރަތްކޮށް، ވޭޕް ކުރުމާއި ސިނގިރޭޓް ބުއިމުގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރުމުން ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން އެކި ސްކޫލްތަކުގައި ވޯކްޝޮޕްތައް ވަނީ ހިންގާފަ އެވެ.

ވޯކްޝޮޕްގެ ތެރެއިން މެލޭޝިއާގެ ނޫހެއް ކަމަށްވާ "ދަ ސްޓާ" އަށް ދިން އިންޓަވިއުއެއްގައި ޑރ. އަލީ މަމްދޫހު ވިދާޅުވީ އީ-ސިނގިރޭޓްތައް ސްކޫލް ކުދިން ކޮނެމެ ދުވަހަކު ބޭނުންކުރާ ގަލަމާ ވައްތަރުވުމުން ޓީޗަރުންނަށް އޮޅޭ ކަމަށެވެ.

"ޓީޗަރުންނަށް ބައެއް ފަހަރު ކުދިން ސްކޫލަށް އީ-ސިނގިރޭޓް ގެނައުމުން އޭތި ވަކިކުރަން ނޭގިދާނެ. އެހެންވެ ސްކޫލުގައި މެޓަލް ޑިޓެކްޓާ އިންސްޓޯލްކުރަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އަލީ މަމްދޫހު މިހެން ވިދާޅުވި ނަމަވެސް, އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވީ ސްކޫލްތަކުގައި މެެޓަލް ޑިޓެކްޓަރު ހަރުކުރަން އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައި ނުވާނެ ކަމަށެވެ.

"އެއީ ޕްރިންސިޕަލްއަށް ދެއްކޭނެ ވާހަކައެއް ނޫން. ދަރިވަރުންނާއި ސްކޫލްތަކާ ގުޅޭ ޕޮލިސީ ލެވެލްގެ ވާހަކަތައް އެއީ. ވިސްނާ ނުލާ ދެކެވިފައިވާ ވާހަކައެއް އެއީ. މިކޮޅުގެ އެޕްރޫވަލްއެއް ނުވަތަ އިންޑިކޭޝަނެއް ވެސް އޮތް ވާހަކައެއް ނޫން އެއީ. އެފަދަ ޕްރޮގްރާމެއް ރާވާފައެއް ވެސް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އިމާދުއްދީން ސްކޫލްގައި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ޖެނުއަރީ 13، އިން 16 އަށެވެ. އެ ވޯކްޝޮޕްތައް 16 ސްކޫލެއްގައި ކުރިއަށް ގެންދިޔައިރު، 195 ކުދިންނަށް މައުލޫމާތު ދިނެވެ.

ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު މިދިޔަ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާވެފަ އެވެ.

ގާނޫނަށް ގެނައި ބަދަލާ އެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ. ވޭޕު ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

ރާއްޖެއިން ވޭޕް މަނާކުރީ ސްކޫލް ކުދިންތައް ވޭޕް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ އެވެ. މިގޮތުން ސްކޫލް ކުދިން މަސްތުވާތަކެތި އަޅާފައި ހުންނަ ވޭޕް ގެންދާ ކަމަށް ވެސް ސަރުކާރުން ތުހުމަަތު ކުރެ އެވެ.