about 2 hours 0
އަހުމަދު އާއިދު
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ: ކަސްޓަމްސް އަށް ފައިސާ ނުދައްކާ ލިސްޓު އާންމު ނުކުރާތާ ތިން މަސް ވަނީ ---- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓު އާންމުކުރާ އުސޫލުގައި ބުނާ މުއްދަތުގައި އެ ލިސްޓު އާންމުކުރުން ސަބަބެއް ނެތި ކަސްޓަމްސް އިން ފަސްކޮށްފި އެވެ.
އޮކްޓޯބަރު 16، 2025، ގައި އެކުލަވާލި މި އުސޫލުގެ ދަށުން ކޮންމެ ދެ މަހަކުން އެއް ފަހަރު ކަސްޓަމްސް އަށް 10،000ރ. ނުވަތަ އެއަށްވުރެ ގިނަ އަދަދަކުން ފައިސާ ދައްކަން އޮވެ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރަން ޖެހެ އެވެ.
މި އުސޫލުގެ ދަށުން ކަސްޓަމްސް އިން މިހާތަނަށް ލިސްޓު އާންމުކުރީ އެންމެ ފަހަރަކު އެވެ. އެއީ އޮކްޓޯބަރު 25، 2025، ގައި ކަސްޓަމްސް އަށް ފައިސާ ނުދައްކާ އޮތް 675 ހިމެނޭހެން އާންމުކުރި ލިސްޓެވެ. މި ލިސްޓުގައި އާންމު ފަރުދުންނާއި ވިޔަފާރިތައް ހިމެނެ އެވެ.
ކަސްޓަމްސް އިން މި ލިސްޓު އާންމުކުރި ފަހުން، އުސޫލުގައި ބުނާ ދެ މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ ޑިސެމްބަރު މަހުގެ 25، އަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކަސްޓަމްސް އިން އެ ލިސްޓު އައު ކޮށްފައެއް ނުވެ އެވެ. ކަސްޓަމްސްގެ ވެބްސައިޓުން އަދިވެސް ފެންނަނީ ތިން މަސް ކުރިން އާންމުކުރި ލިސްޓެވެ.
އެ ލިސްޓުގައި އެންމެ ގިނައީ ދުންފަތުގެ ގާނޫނާ ހިލާފުވެގެން ކޮށްފައި ހުރި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ މާލެ، މާފިނިވާގޭ، އަޝްރަފް ވަހީދު އެވެ. އޭނާ ވަނީ 72.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ކަސްޓަމްސްއަށް އެންމެ ގިނައިން ފައިސާ ދައްކަންޖެހިފައި ވަނީ ސަލްޓަންސް އޮފް ދަ ސީސް އިން 110 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެއީ އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާއަށްވާ ފައިސާ އެވެ.
އޭގެ އިތުރުން 10 މިލިއަނަށްވުރެ ގިނައިން ކަސްޓަމަށް ފައިސާ ނުދައްކާ 16 ފަރާތް ހިމެނެ އެވެ. މިލިއަނަކާއި 10 މިލިއަނާ ދެމެދު ފައިސާ ނުދައްކާ 57 ފަރާތެއްގެ ނަން ލިސްޓުގައި އެބަ އޮތެވެ.
މި ލިސްޓުގައި ތިބި ވަކިވަކި ފަރުދުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް އެވެ.
ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މާހިލް ހިފެހެއްޓީ މިދިޔަ އޯގަސްޓު މަހުގެ މެދުތެރޭގަ އެވެ. އެ މައްސަލާގައި މާހިލް ވަނީ 1،230،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. މި ނޫހަށް އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިހާތަނަށް އެ ޖޫރިމަނާ ދައްކާފައެއް ނުވެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ މަރުހަލާތަކަކީ ކަސްޓަމްސްގެ ރަސްމީ ވެބްސައިޓުގައި މައުލޫމާތުތައް ހާމަކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި ކަސްޓަމްސްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މައުލޫމާތުތައް ހާމަކުރުމެވެ.
ނަމަވެސް މައުލޫމާތުތައް ހާމަކުރަން ބަޔާންކޮށްފައިވާ މަރުހަލާތަކުގެ ތެރެއިން އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ 15 ދުވަސް ފާއިތުވުމުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
Comment